ރާއްޖެ ކުޅިވަރު

ގައްދޫ ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން ބޮއްކުރައަށް

Jul 17, 2015

ގދ. ގައްދޫ އަލީކަލޭފާނު ފައުންޑޭޝަނުން ބޭއްވި "ފިލިޕްސް ކިކްއޯފް" ގައްދޫ ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން އެފްސީ ބޮއްކުރާ ރޭ ހޯދައިފި އެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގަސްދޮށު އެފްސީއާ ވާދަކޮށް 3-2 އިން މޮޅުވެގެންނެވެ.

ޗެމްޕިއަން ޓީމަށް 18،000ރ. އަދި ދެ ވަނަ ޓީމަށް 8000ރ. ހުށަހަޅާފައިވާ މުބާރާތް މި އަށްވުރެ ފުޅާކޮށް އަންނަ އަހަރު ވެސް ބާއްވަން އެ ފައުންޑޭޝަނުން މިހާރުވަނީ އިއުލާނުކޮށްފަ އެވެ.

"އަޅުގަނޑުމެން މި މުބާރާތް ބާއްވާނަން ދެން ކޮންމެ އަހަރަކު ވެސް. އަންނަ އަހަރުގެ މުބާރާތް މި އަށްވުރެ ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ވަނީ ކުރަން ފަށާފައި. އަދި ޓީމުތަކާ ވެސް މިކަމާ ބެހޭ ގޮތުން މަޝްވަރާކުރާނެ،" ގައްދޫ ދާއިރާގެ މެމްބަރު އަދި ފައުންޑޭޝަނުގެ ޓްރަސްޓީޒް ބޯޑުގެ ޗެއާމަން އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ޖުމުލަ 8 ޓީމު ބައިވެރިވި މުބާރާތަށް ފަހު ކުރިއަށް އޮތް ބޮޑުއީދުގައި ވޮލީ އަދި ބަށި މުބާރާތެއް ބާއްވާނެ ކަމަށް ވެސް ރަޝީދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް މިނިވަން50 އަތޮޅު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައްދޫ ޓީމަށް އަލީކަލޭފާނު ފައުންޑޭޝަނުން ދޭ ޖާޒީ ހަވާލުކޮށްދިނުން ވެސް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އޮތެވެ. މި ޖާޒީއާ ހަވާލުވީ ގައްދޫ  ކައުންސިލް މެމްބަރު އަހުމަދު ޔަމީން އެވެ.

މި މަހުގެ ތިނަކުން ފެށިގެން ކުރިއަށްދިޔަ ފުޓްސަލް މުބާރާތް ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ވާދަކުރީ ބޮއްކުރާ އާއި ގަސްދޮށު ޓީމުގެ އިތުރުން ބީޗްބޯއީސް އާއި ރިއަލްސީ އަދި ވާދަވެރިޔާ އާއި ޕެރިސްޕާކް ޓީމުގެ އިތުރުނގައްދޫ ޕޮލިސް ޓީމާއި ޔޫތުބޯއީސް  އެވެ.

ގައްދޫއަލީކަލޭފާނު ފައުންޑޭޝަނުން ބުނީ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމަށާއި އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.