މޫސުން

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގެ ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާލޭގެ 12 ސަރަހައްދެއްގައި ހުރި ސްޓޯމްވޯޓާ ޕަމްޕުތައް ޖައްސައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ސަރަހައްދުތަކުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ވެސް ޕަމްޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ޓީމުތައް ތިބީ ސްޓޭންޑްބައިގަ. ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ރެސްޕޮންސް ޓީމުތައް މި ވަގުތު ވެސް މަސައްކަތް ކުރަމުން އެބަ ގެންދޭ." ޝަމާއު ވިދާޅުވި އެވެ.

މާލެއަށް ވާރޭ ވެހޭއިރު އާންމުކޮށް ފެންބޮޑުވާ މަގުތައް ކަމަށްވާ އަމިނީ މަގާއި އައިޖީއެމްއެޗް ހޮސްޕިޓަލު ހުންނަ މަގާއި މާފަންނު ސަރަހައްދުގެ ގިނަ މަގުތައް މިއަދު ވެސް އޮތީ ފެންބޮޑުވެފަ އެވެ. އެ މަގުތަކުގައި ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަމާއު ވިދާޅުވި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެ އެވެ. މިގޮތުން މިއަދު ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން ރ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މާލެއަށް ވާރޭ ވެހުމުން މަގުތަކުގެ ފެންބޮޑުވާ މައްސަލައަކީ އާންމުންގެ ތެރޭގައި އެންމެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކަށާއި ވުޒާރާތަކަށް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ވެސް މާލެއަށް ހުއްޓާ ނުލައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައް ފެންބޮޑުވެ، އުޅަނދުތަކާއި ގޭތަކަށާއި ވިޔަފާރިތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ. އެ ދުވަހު މާލެއަށް 223.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 160 އާއިލާއެއް ހާލުގައި ޖެހިގެން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.