ށ. ފީވަކު ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ލަސް ވަމުން އަންނަނީ ބަޔަކު ރާވައިގެން އެކަމަށް ހުރަސް އަޅަމުން ދާތީ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓަޑް އިން ބުނެފި އެވެ.
ފީވަކުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލާގައި އެ ރަށު ރައްޔިތުން މީގެ ކުރިން ވަނީ އިންޖީނުގެ ކުރިމަތީ މުޒާހަރާކޮށްފަ އެވެ. އަދި ރައްޔިތުންނާ ވާހަކަދެއްކުމަށް ފަހު ވަރަށް އަވަހަށް މައްސަލަ ހައްލު ކުރަން ފެނަކައިން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް ވެސް މަސައްކަތް ނިމިފައި ނުވާތީ އެ ރަށު ރައްޔިތުން އަނެއްކާ ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފީވަކު ބްރާންޗް ޕެނަލްގެ މަސައްކަތް ކުރުމަށްޓަކައި މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ކަރަންޓު ކަނޑަން އިއުލާންކޮށްގެން އެ މައްސަލަ ހައްލު ކުރަމުން ދަނިކޮށް ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ މަސައްކަތު މާހައުލު ގެއްލުވާލާފައިވާ ކަމަށެވެ. އެހެންވެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ފެނަކައިން ބުންޏެވެ.
އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ވެސް އަލުން އެ ރަށަށް ޓީމެއް ފޮނުވައި މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާވެސް އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ބަޔަކު ވަދެ ބިރު ދައްކާ މުޅި ރަށުން ކަރަންޓުގެ ހިދުމަަތް ކަނޑާލާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަަތް ފޯރުކޮށްދެވުނީ ގިނަ އިރުތަކެއް ފަހުން ކައުންސިލާއި ރައްޔިތުންނާ ވާހަކަދެއްކުމަށް ފަހުގައި ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ރޭ ވެސް އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ފެނަކަ އިން ބުންޏެވެ. ނަމަވެސް ދަންވަރުގަޑީ ކަރަންޓު ދިޔުމުން ރަށު ރައްޔިތުންތަކެއް ނިކުމެ އަޑުގަދަކޮށް މަސައްކަތް ކުރުމަށް ހުރަސްތަކެއް އެޅިގެން ދިޔަ ކަަމަށާއި އޭގެ ސަބަބުން ހިދުމަތް އަލުން ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔަ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ. އަދި ކަރަންޓުގެ ހިދުމަތް ދެވުނީ އެކަމާ ދެކޮޅު ހެދި ބަޔަކާ ދެކޮޅަށް ބަޔަކު ނިކުމެ ކަރަންޓުގެ ހިދުމަތް އަލުން ދޭން އެދިގެން ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ބުނީ ފީވަކަށް ކަރަންޓު ދެވޭ ވަރަށް އެ ރަށުގެ ޖެނަރޭޓަރުތަކުގައި ކެޕޭސިޓީ ހުންނާނެ ކަމަށާއި ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ހުރަސް އެޅުމަށް ބަޔަކު ރާވައިގެންް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ބުންޏެވެ.