ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށަނީ

Jul 18, 2015

އިންޑިއަން އައިލެންޑް ގޭމްސް އަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ޓީމު މިރޭ ފަރިތަކުރަން ފަށަން ނިންމައިފި އެވެ.

ބަލްގޭރިޔާގެ ކޯޗު ވެލީޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން ޓާފް އެއްނަންބަރު ދަނޑުގައި މިރޭ ފަރިތަކުރުންތައް ފަށާއިރު ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވާނެ އެވެ.

މި މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާއިރު އިންޑިއާއިން ވަނީ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް މި މެޗާ މެދު އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމަ އެވެ.

އަންނަ މަހުގެ 1 އިން ހަތަކަށް ރިޔޫނިއަންގައި ބާއްވާ ގޭމްސް އަށް ދާ ޓީމުގެ ސްކޮޑުގައި ހިމަނާފައިވަނީ 25 ކުޅުންތެރިންނެވެ. މީގެ ތެރެއިން މުބާރާތަށް ގެންދާނީ 20 ކުޅުންތެރިންނެވެ. މި ފަހަރުގެ ސްކޮޑުގައި އޮސްޓްރިޔާގެ ޔޫތު ލީގުގައި ކުޅޭ 18 އަހަރުގެ ދިވެހި ކުއްޖެއް ކަމަށްވާ މާނިއު ރަފީއު ވެސް ވަނީ ހިމަނައިފަ އެވެ.

ގައުމީ ޓީމާއެކު މި ފަހަރު ގޭމްސް އަށް ހަތަރު ކުޅުންތެރިއަކަށް ނުދެވޭނެ އެވެ. އެއީ ގައުމުން ބޭރުގެ ކުލަބުތަކަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އާއި އަނިޔާގެ ސަބަބުން ގޯލްކީޕަރު އިމްރާނު މުހައްމަދާއި ހުސައިން ނިޔާޒް (ބޮކުރީ) އެވެ.