މި އަހަރު ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބާޒާރުގެ އަގުތައް ނުވަތަ މުދަލާއި ހިދުމަތުގެ އަގު (އިންފްލޭޝަން) މަތިވެއްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.09 ޕަސެންޓަށް ދަށްވި އެވެ. އަދި ފެބްރުއަރީ މަހު 0.32 ޕަސެންޓް ދަށްވުމަށްފަހު މާޗް މަހު ވެސް 0.21 ޕަސެންޓް ވަނީ ދަށްވި އެވެ. ނަމަވެސް މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.40 ޕަސެންޓް މަތިވެފަ އެވެ.
މި މަތިވުމަކީ މި އަހަރު ފެށުނު ފަހުން ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) މަތިވި ފުރަތަމަ ފަހަރެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު އިންފްލޭޝަން 1.38 ޕަސެންޓް މަތިވި ފަހުން އަގުތައް އުފުލުނު ފުރަތަމަ ފަހަރެވެ.
ބާޒާރުގައި އިންފްލޭޝަން މަތިވުމުގެ ތެލުގެ އަގު މަތިވުމަކީ ސަބަބެވެ. މި އަހަރު ފެށުނު ފަހުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މަތިވެފަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ މިދިޔަ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިންފްލޭޝަން 0.40 ޕަސެންޓް މަތިވިއިރު، މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލާނަމަ މި އަދަދު އުޅެނީ 0.62 ޕަސެންޓު މަތީގަ އެވެ. ނަމަވެސް މި އަދަދު މާޗް މަހު ހުރީ 0.09 ޕަސެންޓް ދަށުގަ އެވެ.
މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ މޭވާގެ ބާވަތްތަކުން ނެވެ. މިބައިން 21.28 ޕަސެންޓް ވަނީ އުފުލިފަ އެވެ. މީގެ އިތުރުން ދެން އަގުތައް އުފުލިފައިވަނީ ރެސްޓޯރެންޓް އަދި ކެފޭގެ ބައިން 4.24 ޕަސެންޓް އަދި ސައިކަލުގެ ބައިން 7.35 ޕަސެންޓް ހިމެނެ އެވެ. މީގެ އިތުރުން ގެދޮރު ސާފުކުރުމާއި ބެލެހެއްޓުމަށް ގެންގުޅޭ ތަކެތީގެ ބައިން 0.62 ޕަސެންޓް އުފުލިފައިވާއިރު، ގޭގެ ކުލި 0.04 ޕަސެންޓް އަދި ޕާނާއި ސީރިއަލްގެ ބައިން 0.11 ޕަސެންޓް ވަނީ އުފުލިފަ އެވެ.
ބިއުރޯރިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަސް ހިމެނެ އެވެ. މަހުގެ އަގުތައް ވަނީ 1.89 ޕަސެންޓް ދަށްވެފަ އެވެ. އަދި ތަރުކާރީގެ ބައިން 3.64 ޕަސެންޓް ދަށްވެފައިވާއިރު، ވީޑިއޯއާއި އޯޑިއޯ ރެކޯޑްކުރުމާއި ޖެހުމަށް ބޭނުންކުރާ އާލާތްތަކުގެ ބައިން 3.86 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި ގޯތިގެދޮރުގައި ބޭނުންކުރާ ހަރުމުދަލުގެ ބައިން 1.51 ޕަސެންޓް ދަށްވެފައިވެ އެވެ. މީގެ އިތުރުން ކިރާއި ޗީޒް އަދި ބިހުގެ ބައިން 0.17 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދޮ ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަކެތީގެ ބައިން 2.11 ޕަސެންޓް އަދި އެއްގަމު މަހުގެ ބައިން 0.58 ޕަސެންޓް ވަނީ ދަށްވެފަ އެވެ.