މެންޗެސްޓާ ސިޓީ

ވާދަވެރިން އުޅެނީ ކާމިޔާބާ މެދު ހަސަދަވެރި ވެގެން: ސިޓީ

މެންޗެސްޓާ ސިޓީ އާ މެދު އުފެދިފައިވާ ދެކޮޅުވެރި ކަމަކީ، އެޓީމުގެ ކާމިޔާބާ މެދު ވާދަވެރިން ހަސަދަވެރިވެގެން އަުފައްދާފައިވާ ކަންތައްތަކެއް ކަމަށް، ކުލަބުގެ ޗެއާމަން، އަރަބި އެމިރޭޓްސްގެ ޚަލްދޫން އަލް މުބާރަކު ވިދާޅުވެއްޖެ އެވެ.

މި ސީޒަންގައި މެންޗެސްޓާ ސިޓީން ވަނީ، އިނގިރޭސި އެތެރޭގެ ސީޒަންގައި ތިން ތަށި ހޯދާފަ އެވެ. އެ ކާމިޔާބަކީ، އިނގިރޭސި ކުލަބެއް ހޯދި ފުރަތަމަ ކާމިޔާބެވެ. މީގެ އިތުރުން 10 އަހަރަށް ފަހު ޖެހިޖެހިގެން އިނގިރޭސި ޕްރިމިއާ ލީގް ހޯދި ހަމައެކަނި ޓީމަކީވެސް މެންޗެސްޓާ ސިޓީ އެވެ.

ދަނޑު މަތީގައި އެ ކާމިޔާބު ހޯދިޔަސް، ދަނޑުން ބޭރުގައި އެ ޓީމުން ހިންގި ކަންކަމުގެ ސަބަބުން ވަނީ ސީރިއަސް ސުވާލުތަކެއް ފެންމަތިވެފަ އެވެ. ޔޫއެފާގެ ފައިނޭންޝިއަލް ފެއާ ޕްލޭއާ ހިލާފު ވެފައިވާ ކަމުގެ ތުހުމަތު ކުރެވުމުން ޔޫއެފާއިން ދަނީ ސިޓީގެ މައްސަލަ ތަހްގީގު ކުރަމުންނެވެ. ތަހްގީގީ މަރުހަލާގައި އެއީ ދޮގެއްކަން ކަން ސާބިތު ނުކުރެވިއްޖެނަމަ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގްގައި ސިޓީއަށް ވާދަ ނުކުރެވޭނެ އެވެ.

ހަލްދޫން ވިދާޅުވީ، ސިޓީއާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން އުޅެނީ، އެޓީމުން ހޯދާ ކާމިޔާބު ތަކާ މެދު ހަސަދަވެރިގެން ވާދަ ވެރި ކުލަބުތަކުން ކަމަށެވެ. އުސޫލާ ހިލާފަށް ޚަރަދު ކޮށްފައި ނުވާނެ ކަމަށް ވިދާޅުވަމުން، ހަލްދޫން ވިދާޅުވީ ކާމިޔާބު ހޯދާނަމަ އެ ޓީމަކާ ދެކޮޅަށް ހަސަދަވެރިވުމާއި ދެކޮޅުވެރިކަން އުފެދޭނެ ކަމަށާއި އެއީ ކުޅިވަރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މެންޗެސްޓާ ޔުނައިޓަޑުން ޕްރިމިއާ ލީގްގައި ޑޮމިނޭޓް ކުރަމުން ދިޔަ ދުވަސް ވަރު އެ ކުލަބަށްވެސް އެކަންކަމާ ޑިލް ކުރަން ޖެހުނު ކަންކަން އެ ކުލަބަށް އެނގޭނެ ކަމަށެވެ. އަދި ސިޓީއަށްވެސް އެކަންކަން ކުރިމަތި ވާނެ ކަން، އޭނާ އަށް މާ ކުރިންވެސް އެނގޭ ކަމަށް ހަލްދޫން ވިދާޅުވި އެވެ.

ޖޯސެފް 'ޕެޕް' ގާޑިއޯލާ، ސިޓީގެ ކޯޗް ކަމާ 2016 ވަނަ އަހަރު ހަވާލުވެ އޭނާ ވަނީ މެންޗެސްޓާ ސިޓީ ވިނިން މެޝިނަކަށް ބަދަލު ކޮށްލާފަ އެވެ. ގިނަ ބަޔަކު ބުނަނީ ސިޓީގެ ޑޮމިނެންސް ފެށުނީ ބޮޑު އަގުގައި ކުޅުންތެރިން ގަންނަން ފެށި ހިސާބުން ކަމަށެވެ. ނަމަވެސް ހަލްދޫން ގަބޫލު ކުރައްވާ ގޮތުގައި ސިޓީއިން ބޮޑު އަގުގައި ކުޅުންތެރިންނެއް ނުހޯދަ އެވެ.

"ހަގީގަތަކީ އަހަރެމެންނެއް ނުގަންނަށް ޕްރިމިއާ ލީގްގެ އެންމެ ބޮޑު ކުޅުންތެރިންނެއް،" އަރަބި އެމިރޭޓްސްގެ ބިލިއަނަރު ވާހަކަ ދެއްކި އެވެ. "އެންމެ އަގު ބޮޑު ކީޕަރު ގަންނަނީ އަހަރެމެންނެއް ނޫން، އެންމެ އަގު ބޮޑު ޑިފެންޑަރު ގަންނަނީވެސް އަހަރެމެންނެއް ނޫން، އެންމެ އަގުބޮޑު މިޑްފީލްޑަރުވެސް ގަންނަނީ އަހަރެމެންނެއް ނޫން، އަދި އެންމެ އަގުބޮޑު ސްޓައިކަރުވެސް ގަންނަނީ އަހަރެމެންނެއް ނުން، މި ހަގީގަތް ތަކަށް ބަލާ އޭރުން ތެދު ފެންނާނެ."

އޭނާ ވިދާޅުވީ ޔޫއެފާ ގައި ހިނގާ ތަހްގީގާ މެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ. ސިޓީން ކަންތައްތައް ކޮށްފައި ވަނީ ރަނގަޅަށްކަން ތަހްގީގަށް އެނގޭނެ ކަމަށް ހަލްދޫން ވިދާޅުވި އެވެ. އަދި ސިޓީން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލް ޔޫއެފާގެ ތަހްގީގު ޓީމަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.