ބޭރު ކުޅިވަރު

ވެންހާލް އަށް ވަލްޑޭޒް ރައްދުދީފި

Jul 18, 2015

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް އަށް އެ ކުލަބުގެ ދެ ވަނަ ކީޕަރު ވިކްޓަ ވަލްޑޭޒް ރައްދު ދީފި އެވެ.

އޭނާ ވެލްހާލް އަށް "ކުރުދޮށިން ދިނީ،" ކޯޗުގެ ވިސްނުމާ އެއްގޮތަށް ވަލްޑޭޒް އަމަލުނުކުރާ ކަމަށް ބުނުމުންނެވެ.

ވެންހާލް ބުނީ ބާސެލޯނާގައި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ފަސް ސީޒަނެއްގައި އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ވަލްޑޭޒް ޔުނައިޓެޑުގެ ދެ ވަނަ ޓީމާއެކު މެޗުތައް ކުޅެން ދެކޮޅު ހެދި ކަމަށެވެ. އަދި ރިޒާވް ޓީމާއެކު ފަރިތަކުރަން ދެކޮޅު ހެދުމަކީ އާ ސީޒަނަށް ތައްޔާރުވާ ޓީމުގެ ޕްރީ ސީޒަން ފަރިތަކުރުންތަކުން ތަޖުރިބާކާރު ކީޕަރު އުނިކުރި ސަބަބު ކަމަށެވެ.

ނަމަވެސް ބާސެލޯނާގެ ކުރީގެ ކޯޗަށް ރައްދު ދެމުން ވަލްޑޭޒް ވަނީ އޭނާ ދެ ވަނަ ޓީމާއެކު ކުޅުނު މެޗުތަކުގެ ފޮޓޯތަކާއި ރިޒާވް ޓީމުގެ ކުޅުންތެރިންނާއެކު ނަގާފައިވާ ފޮޓޯތައް އާއްމުކޮށްފަ އެވެ.

ބާސެލޯނާއިން ވަކިވެ ލިބިފައިވާ އަނިޔާ އަކަށް ފަރުވާކުރަން ނުކުޅެ ހަ މަސްވެފައިވަނިކޮށް ވަލްޑޭޒް މިދިޔަ އަހަރު ޔުނައިޓެޑަށް ގެނައީ 18 މަސްދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ނަމަވެސް އެކުލަބުން އޭނާ ވިއްކާލަން މިހާރު މަސައްކަތް ކުރާކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.