ބޭރު ކުޅިވަރު

ޕެޑްރޯ ގަތުމަށް ޔުނައިޓެޑުން ޗެލްސީ އާ ވާދަކުރަނީ

Jul 18, 2015

ބާސެލޯނާގެ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ގަތުމަށް ޗެލްސީން ކުރާ މަސައްކަތަށް ހުރަސް އަޅަން މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރުވެއްޖެ އެވެ.

ޔޫރަޕާއި ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާއިން ޕެޑްރޯ ވިއްކާލަން ކިޔާ އަގަކީ 22 މިލިއަން ޕައުންޑެވެ. އުމުރުން މިހާރު 27 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށްދާން ބޭނުންވަނީ އޭނާ އަށް ކުޅެން ލިބޭ ފުރުސަތު މަދުވުމުންނެވެ. އެއީ ބާސެލޯނާގެ ފޯވަޑް ލައިނުގައި ލަޔޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް ތިބުމުންނެވެ.

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ޕެޑްރޯ އަށް ޝައުގުވެރިވެފައިވާއިރު އޭނާ ގަތުމަށް މެންޗެސްޓާގެ ކޯޗު ލުއިސް ވެންހާލް ވެސް މަސައްކަތްކުރާއިރު އޭނާ މިހާރު ވެސް ވަނީ އާ ސީޒަނަށް ހަތަރު ކުޅުންތެރިން ގެނެސްފަ އެވެ. ޗެލްސީން ގެނައީ ބްރެޒިލްގެ ޒުވާން ކުޅުންތެރިއަކާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކޮލަމްބިއާގެ ފޯވަޑް ރަޑަމަލް ފަލްކާއޯ އެވެ.