ނިއުރޭޑިއަންޓް

ނިއު ރޭޑިއަންޓް ދޫކޮށް ސެންޓޭ އީގަލްސްއަށް

ނމިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓްގެ ކެޕްޓަންކަން ކުރި، އަލީ ފާސިރު (ސެންޓޭ) ކުރިއަށް އޮތް ސީޒަނަށް، ކުލަބު އީގަލްސްއަށް ބަދަލު ވެއްޖެ އެވެ.

ނިއު ރޭޑިއަންޓާއެކު ހަތް އަހަރަށް ސެންޓޭ ސޮއި ކުރީ 2017 ވަނަ އަހަރު އެވެ. އެހެންނަމަވެސް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައި ވުމުން، އޭނާ ނިންމީ އީގަލްސްއަށް ބަދަލުވާށެވެ. މިހާތަނަށް ވެސް ސެންޓޭ ހުރީ އެހެން ކުލަބަކަށް ބަދަލު ނުވެ އެވެ.

ސެންޓޭ ބުނީ، އީގަލްސްއަކީ އޭނާގެ ސީނިއާ ކެރިއާ ފެށި ކުލަބު ކަމަށެވެ. އަލުން އެ ކުލަބަށް ގޮސް އާ ޗެލެންޖެއް ނަގަން ތައްޔާރަށް ހުރި ކަމަށެވެ. ސެންޓޭ ބުނީ، ނިއު ރޭޑިއަންޓްގައި ހޭދަ ކުރި މުއްދަތުގައި އެ ކުލަބުގެ މެނޭޖުމެންޓުން ދިން އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ.

ސެންޓޭ އީގަލްސް އަށް

ބ. އޭދަފުއްޓަށް އުފަން ސެންޓޭ ވަނީ، އޭނާގެ ކެރިއަރުގައި ވެލެންސިއާ އަދި ވިކްޓަރީއަށް ވެސް ކުޅެފަ އެވެ. މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2016 އަދި 2017 ވަނަ އަހަރު ހޯދި ސެންޓޭ ވަނީ، މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ފައިނަލުގައި، އިންޑިއާ ކޮޅަށް ރާއްޖޭގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ސެންޓޭ އެވެ.