ރައްޔިތުންގެ މަޖިލިސް

ނަޒާހަތްތެރި މަޖިލީހަކަށް ގަވާއިދު އިސްލާހު ކުރަން ޖެހޭ: މެންބަރުން

ނަޒާހަތްތެރި މަޖިލީހެއް ފޯރުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ތާއީދުކޮށް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހަށް މިއަދު ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދެއްކެވި ހުރިހާ މެންބަރުން ވެސް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ތާއީދު ކުރެއްވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ނަޒާހަތްތެރި މަޖިލީހެއް ގާއިމު ކުރަން މަޖިލިސް ގަވާއިދު އެކުލަވައިލަންވީ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައި ވީ ނަމަވެސް އެ ގޮތުގެ މަތީން މަޖިލިސް ގަވާއިދު އެކުލަވާލެވިފައި ނުވާ ކަމަށެވެ.

"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބައޮވޭ މަޖިލިސް ގަވާއިދު އޮންނަންވީ ގޮތް. ރައްޔިތުން ފުރިހަމައަށް ތަމްސީލުވެވޭނެ ގޮތަށް، ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގަން މަޖިލީހުގެ ގަވާއިދު އެކުލަވާލަން ޖެހޭ ކަމަށް. މަޖިލިސް މެންބަރުންގެ ހާޒިރީއާއި ސުލޫކީ މިންގަނޑުތަކާބެހޭ އުސޫލުތައް ހިމަނަން. ނަމަވެސް ގަވާއިދުގައި މިކަންކަން ވަނީ ވަރަށް ހަނިކޮށް." އާޒިމް ވިދާޅުވި އެވެ.

މިހާރު އޮތް މަޖިލިސް ގަވާއިދު އިސްލާހު ކޮށްގެން ވިއަސް ނުވަތަ މުޅިން އާ މަޖިލިސް ގަވާއިދެއް އެކުލަވާލައިގެން ނަމަވެސް ނަޒާހަތްތެރި މަޖިލީހެއް ގާއިމުކުރެވޭ ގޮތަށް މަޖިލިސް ގަވާއިދު ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެމްޑީޕީން ވިއްކި "އެޖެންޑާ 19" ގައި އެންމެ ބޮޑަށް ވިއްކި ވާހަކައަކީ ނަޒާހަތްތެރި މަޖިލީހެއް ގާއިމުކުރުމުގެ ވައުދު ކަމަށެވެ. އެކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން ލާޒިމު ކުރުމަށާއި، މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް ހުށަހެޅުމުގެ ހަގީގީ މަގުސަދު ހާސިލު ކުރެވޭނެ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހުތައް ގެނަން ޖެހޭނެ ކަމަށް ޖީހާން ވިދާޅުވި އެވެ. މި އިސްލާހުތަކަކީ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.

އިދިކޮޅު މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުން ވެސް ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މަޖިލިސް ގަވާއިދު އޮތީ ޕާޓީތަކުގެ މެންބަރުން ތިބި އަދަދުން ފުރުސަތު ލިބޭ ގޮތަށް ކަމަށް ވާތީ، ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. މި ފަހަރުގެ މަޖިލީހުގައި އިދިކޮޅު ޕާޓީތަކުގައި ތިއްބެވީ މަދު މެންބަރުންތަކެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް [އިދިކޮޅު މެންބަރުންނަށް] ވެސް މަޖިލީހުގައި އެ މެންބަރުންގެ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ހަމަހަމަ ފުރުސަތު ލިބި، ވާހަކަ ދައްކަން އެކަށޭނަ ވަގުތު ލިބެން ޖެހޭ." ފަޒުލް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވެސް ވިދާޅުވީ ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހުރިހާ މެންބަރުންނަށް ވެސް ރައްޔިތުން ތަމްސީލު ކުރެވޭނެ ގޮތަށް މަޖިލިސް ގަވާއިދު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި ގަވާއިދު އިސްލާހު ކުރުމަށް ފަހުގައި ވެސް އެއާ ގޮތަށް މަޖިލިސް ހިންގުން ވަރަށް މުހިއްމު ކަމަށެވެ.

މަޖިލިސް ގަވާއިދު އިސްލާހުކުރުމާ ގުޅޭ މައްސަލަ ދިރާސާކުރުމަށް 10 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. މިއަދުގެ ވޯޓު ގަޑީގައި އެކަމަށް ވޯޓަށް އެހުމަށް ވަނީ ހަމަޖައްސާފަ އެވެ.