ޝަރުއީ ދާއިރާ

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ޖެހޭ: ޖާބިރު

ސިޔާސީ ނުފޫޒުން ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަން ކުރުމަށް އެ ކޮމިޝަން އެކުލަވައިލައިފާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސްގެ ފަރާތުން ޖޭއެސްސީއަށް މެމްބަރަކު ކަނޑައެޅުމުގެ ގޮތުން ނަން ހުށަހެޅަން ހުޅުވާލި ފުރުސަތުގެ ބޭނުން ހިއްޕަވައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ވާހަކަ ދައްކަމުންދާއިރު، ޖޭއެސްސީގައި ރައީސުލްހުމްހޫރިއްޔާ އައްޔަން ކުރާ ބޭފުޅަކާއި ބަންޑާރަ ނައިބާއި މަޖިލީހުން އައްޔަން ކުރައްވާ ބޭފުޅަކު އިންނެވުމަކީ ނުފޫޒު ފޯރުވަން ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭނަމަ ޝަރުއީ ދާއިރާ އިސްލާހުނުވެ މީގެ ކުރިން ވެސް ފެނިގެންދިޔަ ފަދައިން ރައީސް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު އަނެއްކާވެސް ފެނިގެންދާނެ ކަމަށް ޖާބިރް ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ޖޭއެއްސީގައި ބަންޑާރަ ނައިބު އިންނަވާއިރު އަދި ދައުލަތުގެ މައްޗަށް ކުރާ ދައުވަތުތަކަށް ޖަވާބުދާރީވާން ޖެހޭ ފަރާތަކީ ބަންޑާރަ ނައިބު ކަމަށް ވާއިރު، އެ މައްސަލަތަކުގައި ފަޑިޔާރުން ހުކުމް އިއްވާނީ ބަންޑާރަ ނައިބު ވިދާޅުވާ ގޮތަކަށް ކަމަށެވެ. އަދި ބައެއް މައްސަލަތަކުގައި ސީދާ ރައީސް ޖުމްހޫރިއްޔާ ފަޑިޔާރުންނާ ގުޅުއްވައި ހުކުން އިއްވަން ވާގޮތް ވިދާޅުވެ ދެއްވާފައި އެބަހުރި ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.