އެޓާނީ ޖެނެރަލް

އަމިއްލައަށް އެދިގެން ފަނޑިޔާރު ކަމުން ވަކިވެވޭނެ އުމުރު ކަނޑައަޅަނީ

ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށާއި އެ ނޫންވެސް މުހިންމު ބައެއް އިސްލާހުތައް ގެނައުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވައިފި އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ މި ބިލުން ގާނޫނަށް ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ގާނޫނުގައި ކަނޑައެޅުމާއި ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާހުކޮށް އެ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސެންޓް އަށް ވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރު ކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަ ކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ހިމަނާފައެވެ.

އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކޮށް މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތް ކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށްވެސް ވަނީ ހިމަނާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން އިތުރަށް ބުނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށްވެސް ހުށައަޅާފައިވާނެ ކަމަށެވެ.