ބޭރު ކުޅިވަރު

ރާމޯސް ނުދެނީސް ޑެހެޔާ ނުވިއްކާނަން: ޔުނައިޓެޑް

Jul 18, 2015

ރެއާލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ނުދޭނަމަ، ހިލޭދޫކޮށްލަން ޖެހުނަސް ކީޕަރު ޑޭވިޑް ޑެހެޔާ ރެއާލް އަށް ދިޔަ ނުދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފި އެވެ.

އެކުލަބުން މިހެން ބުނީ ޑެހެޔާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމުގެ ސަބަބުންނެވެ. މިހެންވެ އޭނާގެ ވިއްކާލައިގެން ފައިދާއެއް ހޯދެން އޮތީ މިސީޒަން އެކަންޏެވެ. އެހެންނޫނީ ކުޅުންތެރިޔާގެ ކޮންޓްރެކްޓް ހަމަވެ ބޭނުން ކުލަބަކަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑެހެޔާ އަކީ ރެއާލް މެޑްރިޑުގެ މިހާރު އެންމެ ބޭނުންވާ ކުޅުންތެރިޔާ އެވެ. އޭނާ ގެނައުމަށް މަގުފަހި ކުރުމުގެ ގޮތުން އެކުލަބުން ވަނީ ފާއިތުވެދިޔަ 25 އަހަރު ކުލަބުގެ ކީޕަރުކަންކުރި ނުފޫޒުގަދަ ކެޕްޓަން އިކާ ކަސިޔާސް ވެސް ޕޯޗުގަލްގެ ޕޯޓޯ އަށް ވިއްކާލައިފަ އެވެ.

ނަމަވެސް ޔުނައިޓެޑުން ސްޕޭނުގެ ދެ ވަނަ ކީޕަރު ވިއްކާލަން އެއްބަސްވަނީ 35 މިލިއަން ޕައުންޑާއި ރާމޯސްދޭނަމަ އެވެ.

އަދި ރާމޯސް ގަތުމަށް އެކުލަބުން ވަނީ 28 މިލިއަން ޕައުންޑް ވެސް ހުށަހަޅައިފަ އެވެ. މި ހުށަހެޅުމަށް ދެކޮޅު ހެދުމަށްފަހު ރެއާލްއިން ބުނެފައިވަނީ ރާމޯސް ކުލަބުގައި ހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަންނަ ސީޒަނުގެ ކެޕްޓަންކަން ކުރާނީ އޭނާ ކަމަށެވެ.

ނަމަވެސް ކަސިޔާސް ވިއްކާލަން އުޅުމުގެ ތެރޭގައި ކުލަބާ މައްސަލަޖެހި ރާމޯސް ވަނީ ޔުނައިޓެޑަށްދާން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.