ދުނިޔެ

ނަތަންޔާހޫއަށް ކޯލިޝަން ނުހެދި، އާ އިންތިހާބަކަށް

May 30, 2019

ޓެލްއަވީވް (މެއި 30) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކޯލިޝަން ސަރުކާރެއް ގާއިމުކުރުމަށް ނާކާމިޔާބުވުން، އެގައުމުގެ ޕާލިމަންޓް އުވާލަން ފާސްކޮށްފި އެވެ.

ޕާލިމަންޓް އުވާލަން މެމްބަރުން ދިން ވޯޓާއެކު، އަންނަ ސެޕްޓެމްބަރު އަލުން އާންމު އިންތިހާބެއް ބާއްވަން ވަނީ ޖެހިފަ އެވެ.

އިޒްރޭލްގެ ޕާލިމަންޓް، ނެސެޓަށް މެމްބަރުން ހޮވަން މިދިއަ މަހު އޮތް އިންތިހާބުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް 35 ގޮނޑި ކާމިޔާބުވި އެވެ. އެކަމަކު 120 ގޮނޑި ހިމެނޭ ޕާލިމަންޓުގެ މެޖޯރިޓީ ނުލިބުމުން އެހެން ޕާޓީތަކެއް އެކުވެގެން ކޯލިޝަން ސަރުކާރެއް ގާއިމްކުރައްވަން ޖެހިވަޑައިގަތީ އެވެ. އެހެނަސް، އިޒްރޭލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމަށް އިންތިހާބުވި ބޭފުޅަކަށް ކޯލިޝަން ސަރުކާރެއް ގާއިމުނުކުރެވުމުގެ ލަގަބު ނަތަންޔާހޫއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވިއިރު، ކޯލިޝަން ސަރުކާރެއް ގާއިމުކުރެވިފައިނުވާތީ، 74 މެމްބަރުންގެ އަގުލަބިއްޔަތުން މަޖިލީސް އުވާލަން ވަނީ ފާސްކޮށްފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު އިންތިހާބު ބޭއްވެންދެން ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫ ހުންނަވާނެ އެވެ. އަދި އިޒުރޭލްގައި އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް އޭނާ، އަންނަ ޖުލައި މަހު ވެވަޑައިގަންނަވާނެ އެވެ.