މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކުގެ ރަށްރަަށަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތައްވެ، އާންމު ހާލަތު ބަދަލުވެއްޖެ އެވެ.
ދެކުނުގެ ރަށްރަށަށް ކުރާ ވިއްސާރައިގެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް ޑިޒާސްޓާ މޭނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އެގްޒެކެޓިވް ހިސާން ހުސެއިން ވިދާޅުވީ ބޯކޮށް ވާރެ ވެހުމުގެ ސަބަބުން ލ. އަތޮޅުގެ ހަ ރަށެއްގެ ގޭގެއަށް ފެން ވަދެފައިވާ ކަމަށެވެ. ފެން ވަދެފައިވަނީ ލ. ކުނަހަންދޫ އާއި ގަމާއި ފޮނަދޫ އާއި މާމެންދޫ އާއި މާވަށާއި އެ އަތޮޅުގެ ހިތަދޫގެ ގޭގެއަށެވެ.
ވާރޭގެ ވެހި ފެން ބޮޑުވުމުގެ ސަބަބުން ކުނަހަންދޫ 10 ގެއެއްގައި ފެން ބޮނޑުވިއިރު، މާމެންދޫން ފަސް ގެއެއަކަށް ވަނީ ފެންގަނޑު ވަދެފަ އެވެ. އަދި މާވަށު ތިން ގެއަކަށް ފެންގަނޑު ވަދެފައިވާއިރު ފޮނަދޫ ދެ ގެއެއެއްގައި ފެން ބޮޑުވި އެވެ.
ހިސާން ވިދާޅުވީ ކުނަހަންދޫގެ 90 ޕަސަންޓް ގެއަށް ފެނުގެ އަސަރު ކޮށްފައިވުމުން އެރަށު ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މާމެންދޫ އިންޖީނުގެ އަށް ފެނުގެ އަސަރު ކޮށްފައި ވުމުން މިހާރު އެރަށުން އެއްކޮށް ކަރަންޓް ކަނޑާލައިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ވިއްސާރައިގައި ގއ. ވިލިނގިލިއްޔަށް ބޯކޮށް ވާރޭ ވެހި ފެން ބޮނޑުވުމުގެ ސަބަބުން އެރަށުގައި ހެދުނު ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި، އަދި ރެޑް ކްރޮސެންޓުން ކުރަމުން އެބަދެ އެވެ. އެ އަތޮޅުގެ ދާންދޫގައި ފެން ބޮނޑުވުމުގެ ސަބަބުން ފެން ހިންދުމަށް ބޭނުންވާ ޕަންޕު ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ދާންދޫ ކައިރީގައިވާ އެހެން ރަށްރަށުން ވެސް ފެން ހިންދަން ޕަންޕެއް ނުލިބުމުގެ ސަބަބުން އެމްޓީސީސީއިން ދީފައިވާ ޕަންޕެއް މިރޭ މޯލްޑިވިއަންގެ ފުލައިޓެއްގައި އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، ލ. މާމެންދޫގައި މިހާރުވެސް ކޯރު ކަނޑައިގެން ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދެކުނުން އައްޑޫއަށް ވެސް ވިއްސާރަ އެވެ. ނަމަވެސް އެ އަތޮޅުގެ ރަށްރަށުގެ އެއްވެސް ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓް ލިބިފައެއް ނުވެއެވެ. އަދި މެ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ވެސް ވިއްސާރަކޯށް ބޯކޮށް ވާރޭވެހިފައިވެއެވެ.
މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައާއި ބައެއް ރަށްރަށުގެ އާންމު ހާލަތު ބަދަލުވެފައިވާތީ ފުލުހުންނާއި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ.