މުސްލިމު އުއްމަތަށް ދިމާވެފައިވާ ހުރި ދަތިތަކާއި މައްސަލަތައް، އިސްލާމީ ގައުމުތައް ގުޅިގެން މަސައްކަތް ކުރާނަމަ ހައްލު ގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބައިވެރިވެވަޑައިގެން އެ ކޯޕަރޭޝަނަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އޯއައިސީގެ ސަމިޓްގައި ރައީސް ހުށަހެޅުއްވި ސްޓޭޓްމަންޓްގައި މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ވެސް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުދީ އަރަބިއްޔާގެ މައްކާގައި އިއްޔެ ފެށި ސަމިޓުގެ މަގުސަދަކީ މުޅި މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. އަދި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވެސް ސަމިޓުގެ މަގުސަދެކެވެ.
މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.
މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމުތަކުގެ ލީޑަރުުން ބައްދަލު ކުރައްވާ މި ސަމިޓު ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއް އަހަރު އެވެ. އެ ސަމިޓުގައި ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިއްމު މައްސަލަތަކާއި މައްސަލަތައް ހައްލުކުރުމުގައި ގައުމުތަކުގެ ލީޑަރުންގެ ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަ އެވެ.