ރައްޔިތުންގެ މަޖިލިސް

ބާ ކައުންސިލް އުފެއްދުމުގެ ބިލު އެޖެންޑާކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، ބާ ކައުންސިލެއް އުފައްދާ ގޮތަށް މިދިޔަ މަޖިލީހަށް ހުށަހެޅުއްވި ބިލު އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ގާނޫނީ ހިދުމަތުގެ ނަމުގައި އެ ބިލު މިދިޔަ މަޖިލީހުގައި ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މިދިޔަ އަންގާރަ ދުވަހު ހުވާ ކުރެއްވި އާ މަޖިލީހަށް ވެސް ބިލު ހުށަހެޅުއްވީ އިންތި އެވެ.

ބިލުން އަލުން ހުށަހަޅަން ޖެހުނީ މިދިޔަ މަޖިލީހުގައި އެ ބިލު ފާސްނުވެ އޮށްވައި މަޖިލީހުގެ ދައުރު ހަމަވުމުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރު ނިމޭއިރު ބިލު މަޖިލީހުން ފާސްނުވެއްޖެނަމަ ކުރިން ބިލުގައި ކުރި ހުރިހާ މަސައްކަތެއް އުވޭނެ އެވެ. އަދި އާ މަޖިލީހުގައި ބިލުގެ މަސައްކަތް ކުރަން ބޭނުންވާނަމަ ބިލު ޖެހޭނީ އަލުން ހުށަހަޅާށެވެ.

މިދިޔަ މަޖިލީހުގައި އެ ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވި އެވެ. އަދި ބިލަށް ބަދަލުތަކެއް ގެނައުމަށް ފަހު، ކޮމިޓީން ބިލު ފާސް ކުރި އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ވަނީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާފަ އެވެ. މިދިޔަ މަޖިލީހުގެ ދައުރު ނިމުނީ ބިލު ފާސްނުވެ އޮށްވަ އެވެ.

އިންތި ހުށަހެޅުއްވި ބިލުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ވެސް ބާ ކައުންސިލުން ކަމަށް ބިލުގައިވެ އެވެ.

ގާނޫނުތައް މިހާރު އޮންނަ ގޮތުންނަމަ ވަކީލުން ރެގިއުލޭޓް ކުރުމުގެ ބާރު އޮންނަނީ ޝަރުއީ ކޯޓުތަކުގަ އެވެ. ގާނޫނީ ގޮތުން ކޯޓުތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ބައެއް ކޯޓުތަކުން ވަނީ ވަކީލުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑް ކޮށްފަ އެވެ.