ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، ބާ ކައުންސިލެއް އުފައްދާ ގޮތަށް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ، ބިލު އިތުރަށް ދިރާސާ ކުރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގާނޫނީ ފަންނުގެ ނަމުގައި ހުށަހެޅުއްވި ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އިންތި ހުށަހެޅުއްވި ބިލެކެވެ. ނަމަވެސް މިދިޔަ މަޖިލީހުގެ ދައުރު ހަމަވިއިރު، ބިލު ފާސްވެފަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރު ނިމޭއިރު ބިލު މަޖިލީހުން ފާސްނުވެއްޖެނަމަ ކުރިން ބިލުގައި ކުރި ހުރިހާ މަސައްކަތެއް ބާތިލުވާނެ އެވެ. އަދި އާ މަޖިލީހުުގައި ބިލުގެ މަސައްކަތް ކުރަން ބޭނުންނަމަ ބިލު ޖެހޭނީ އަލުން ހުށަހަޅާށެވެ.
އިންތި ހުށަހެޅުއްވި ބިލުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ވެސް ބާ ކައުންސިލުން ކަމަށް ބިލުގައިވެ އެވެ.
މީގެ އިތުރުން، މި ބިލު އޮތް ގޮތުން، ވަކީލުންގެ ވޯޓަކުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެންބަރު ލަތީފާ ގާސިމްގެ ދައުރު ހަމަވުމުގެ ކުރިން އޭނާގެ މެންބަރުކަން ގެއްލެ އެވެ. އެ ބިލު ގާނޫނަކަށްވުމާއެކު ލަތީފާގެ މެންބަރުކަން ގެއްލި، ވަކީލުންގެ ފަރާތުން އާ މެންބަރަކު ޖޭއެސްސީއަށް ހޮވަން ޖެހެ އެވެ.
ބިލުގައި ބަހުސް ކުރެއްވި އިދިކޮޅު ބައެއް މެންބަރުން ވަނީ ލަތީފާ ގާސިމްގެ ދައުރު ހަމަވުމުގެ ކުރިން ޖޭއެސްސީގެ މެންބަރުކަން ގެއްލޭ ގޮތަށް އަންނަ މާއްދާ ބިލުން އުނި ކުރުމަށެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ވިދާޅުވީ ލަތީފާ ގާސިމަކީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެންބަރެއް ނޫން ކަމަށެވެ. އެހެންކަމުން ބިލު މެދުވެރިކޮށް އެ ކަމަށް ވެސް ހައްލެއް ގެންނަން ޖެހޭނެ ކަމަށް ބިލު ހުށަހެޅުއްވި މެންބަރު އިންތި ވިދާޅުވި އެވެ.
ގާނޫނުތައް މިހާރު އޮންނަ ގޮތުންނަމަ ވަކީލުން ރެގިއުލޭޓް ކުރުމުގެ ބާރު އޮންނަނީ ޝަރުއީ ކޯޓުތަކުގަ އެވެ. ގާނޫނީ ގޮތުން ކޯޓުތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ބައެއް ކޯޓުތަކުން ވަނީ ވަކީލުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑް ކޮށްފަ އެވެ.