ހަބަރު

ދިރާގުގެ ސަގާފީ ޕެރޭޑުން މާލޭގައި އީދުގެ ފަޅުކަން ފިލުވައިދީފި

Jul 18, 2015

މާލޭގައި އީދުފާހަގަ ކުރުމަށާއި މިނިވަން ފަންސާހުގެ ހަރަކާތްތަކާ ގުޅުވައިގެން ދިރާގުން މިއަދު 80 ފޫޓުގެ ބޮޑު މަހަކާއެކު ސަގާފީ ޕެރޭޑެއް ބާއްވައިފި އެވެ.

މުއާސަލާތީ ހިދުމަތްދޭ ކުންފުނިން މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެން މާލޭގައި މަގުތަކުގައި ކުރިޔަށް ގެންދިޔަ ސަގާފީ ޕެރޭޑްގައި ކޯޑި ނެގުމާއި ދަފި ނެގުމާއި ލަނގިރި ޖެހުން އަދި ބޮޑުމަސް ވެސް ބޭނުމުގެ އިތުރުން ސަގާފީ ގޮތުން ދިވެހިން މުނިފޫހިފިލުވި ގިނަ ކަންކަމުގެ އިތުރުން އަހެނުންނާއި ފިރިހެނުންގެ ބޮޑުބެރު ދައްކަލާފައި ވެއެވެ.

ކުއްލި ގޮތަކަށް އިއުލާނު ކުރި މި ސަގާފީ ޕެރޭޑްގައި އެތައް ބަޔަކު ބައިވެރިވި އިރު ޕެރޭޑްގެ ހަރަކާތްތައް ބަލައިލަން މަޖީދީ މަގު އެކި ހިސާބު ތަކުގަ އާއި ބޮޑުތަކުރުފާން މަގަށް ވަރަށް ގިނަ އަދަދެއް މީހުންނާއި އާއިލާތައް ޖަމާވި އެވެ.

ޓީވީއެމުން ލައިވް ކުރި ޕެރޭޑް ފެށީ ސޯޝަލް ސެންޓަރު ކައިރިންނެވެ. ޕެރޭޑް މަޖީދީ މަގުން ގޮސް ނިންމާލީ ލޮނުޒިޔާރަތް ކޮޅު ސުނާމީ ބިނާކާރިއަށެވެ. މިއީ އީދާ ގުޅުވައިގެން މިފަދަ ސަގާފީ ޕެރޭޑެއް ދިރާގުން ބޭއްވި ފުރަތަމަ ފަހަރެވެ. ދިރާގުން އީދާ ދިމާކޮށް އާންމުކޮށް ބާއްވަނީ މިއުޒިކް ޝޯއެވެ.