ދުނިޔެ

އަގްސޯގައި ތިބި ބަޔަކަށް އަނިޔާކޮށް އިޒްރޭލުން ޖެއްސުންކޮށްފި

މަސްޖިދުލް އަގްސާ މިސްކިތަށް އިއްޔެ ހެނދުނު އިޒްރޭލުގެ ސިފައިންނާއި ޕޮލިހުން ވަދެ އަޅުކަންކުރަން ތިބި މުސްލިމުންނަށް އަނިޔާކޮށް ބައެއް މީހުން ހައްޔަރުކޮށްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަނިޔާކޮށްފައިވާ މީހުންގެ ތެރޭގައި މިސްކިތް ބަލަހައްޓަން ތިބޭ ދެ ގާޑަކު ވެސް ހިމެނެ އެވެ.

އަނިޔާ ލިބުނު ދެ ގާޑުންގެ ތެރެއިން އެކެއްގެ ބޮލުގެ ބައެއް ޒަހަމްވެފައިވާއިރު އެ މީހާއަށް ފަރުވާދޭން ދިޔަ ޑޮކްޓަރު އޭނަ ކައިރިއަށް ދިޔަނުދީ ގަޑިއިއެއްހާއިރަށް ހިފަހައްޓާފައި ވެއެވެ. އަދި އިތުރު ގާޑަކަށް އަނިޔާކޮށް އޭނައާ ސުވާލު ކުރަން ކަމަށް ބުނެ ކައިރީގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށް ގެންދިޔަ އެވެ.

މިސްކިތުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ އެމީހުން މިސްކިތުން ބޭރު ކުރަން މަސައްކަތްކުރި އިޒްރޭލުގެ ސިފައިން ތިބީ މިސްކިތް ބަލަން ގޮސް ތިބީ އިޒްރޭލު ރައްޔިތުންގެ ގްރޫޕްތަކެއް ގޮވައިގެން ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާ އިން ރިޕޯޓު ކުރެއެވެ.

ޔުނީފޯމުގައި ތިބި އިޒްރޭލުގެ ސިފައިން، އަޅުކަންކުރަން ތިބި މުސްލިމުން ބޭރު ކުރަމުން ދިޔައިރު ނިވާކަން ކުޑަ ހެދުން އަޅައިގެން އެތަނަށް ގޮސްތިބި އިޒްރޭލުގެ ރައްޔިތުން ދިޔައީ އެމީހުން ފަލަސްތީނަށް އަރައިގަނެ އެތައް ބައެއްގެ ހައްގުތައް ފޭރިގަތް ދުވަސް ފާހަގަ ކުރަމުން ނެވެ.

އިޒްރޭލު ސިފައިން އެތަނުން ދިއުމުން އަޅުކަންކުރަން ތިބި މީހުން މިސްކިތަށް ވަދެ ދޮރުތައް ފަހުން ލެއްޕި އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އެނބުރި ސިފައިން މަސްޖިދުލް އަގްސޯއަށް ގޮސް އަޅުކަމުގައި ތިބި އެތައް ބައެއްގެ ގައިގަ މުގުރުން ތަޅާ އަނިޔާކޮށް އެމީހުން މިސްކިތުން ބޭރު ކުރުމަށް މަސައްކަތް ކޮށް މިސްކިތުގެ ތެރެއަށް އިޒްރޭލުގެ އިތުރު މީހުން ވަންނާނެ މަގު ފަހި ކޮށްދެމުން ގެންދިޔަ އެވެ.

އަދި މަސްޖިދުލް އަގްސޯއަށް ވަންނަން އިންނަ ދެ ދޮރު ބަންދުކޮށް އިތުރު މީހުންނަށް އެތަނަށް ނުވަދެވޭނެ ގޮތްވެސް ހެދި އެވެ.

ރޯދަމަސް ނިމެން ގާތްވެފައި ވަނިކޮށް އިޒްރޭލު ސިފައިންގެ އަނިޔާވެރިކަން އަނެއްކާވެސް އިތުރުވަމުން ދާއިރު އެ ސަރަހައްދުގެ މަޝްރަހު ދަނީ ހޫނުވަމުން ނެވެ. މިދިޔަ ހޮނިހިރު ދުވަހު ހަވީރު ގުދުސްގައި ދިރިއުޅޭ ފަލަސްތީނު 26 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.