ބޭރު ކުޅިވަރު

ބާކްލޭސް އޭޝިޔާ ޓްރޮފީ އާސެނަލަށް

Jul 18, 2015

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރިމިއާ ލީގުގެ ތިންޓީމާ ސިންގަޕޫރުން ހޮވާލެވުނު ޓިމާއެކު ކުޅުނު ބާކްލޭސް އޭޝިޔާ ޓްރޮފީ އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.

އާސެނަލް އިން މުބާރާތު ތަށި ކާމިޔާބުކޮށްފަވަނީ ޕްރިމިއަރ ލީގުގެ އެވަޓަން އަތުން މޮޅުވެ 3-1 އެއްލަނޑުން ނެވެ. އާސެނަލް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ތިއޯވޮލްކޮޓާ ، ކަޒޯލާ އާއި މެސުޓް އޮޒިލް އެވެ.

އެވަޓަންގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ބާކްލީއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އާސެނަލް އިން ވަނީ  ސިންގަޕޫރުން ހޮވާލެވޭ ޓީމްކޮޅަށް 4 ލަނޑު ޖަހާ ކާމިޔާބު ކޮށްފައެވެ.

މިއަދުގެ މެޗުގައި އާސެނަލް އަލަށް ގުޅުނު ކީޕަރ ޕީޓަރޗެކް ވަނީ މޮޅުކުޅުމެއް ދައްކާ މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މި މުބާރާތުގެ ތިންވަނަ މަގާމް ހޯދަފަވަނީ ސިންގަޕޫރުން ހޮވާލެވުނު ޓީމްކޮޅަށް 0 – 2 ލަނޑު ޖެހި ސްޓޯކް ސިޓީއެވެ.

މިމުބާރާތަކީ ޕްރިމިއަ ލީގުގެ މަގުބޫލްކަން އިތުރު ކުރުމައްޓަކައި ލީގުގެ ތިން ޓީމު ހިމަނައިގެން އޭޝިޔާގެ އެކި ގައުމަތަކަށް ކުރާ ޓުވާ ދަތުރުތަކެކެވެ. މިމުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2003 ވަނަ އަހަރުގައި މެލޭޝިޔާގައެވެ. އެމުބާރާތް ކާމިޔަބު ކޮށްފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ޗެލްސީއެވެ.