އަންނަ މަހު ހުޅުވާ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް މަޝްހޫރު ކޮންޑެ ނަސްޓް ޓްރެވަލާ މިޑުލް އީސްޓް މަޖައްލާގެ ބޭރު ގަނޑަށް އަރައިފި އެވެ.
ޓްރެވަލް އެންޑް ޓޫރިޒަމް ސިނާއަތުގައި އެންމެ މަގުބޫލު އެއް މަޖައްލާ ކަމަށްވާ ކޮންޑެ ނަސްޓް ޓްރެވަލާގެ ބޭރު ގަނޑަށް ރާއްޖޭގެ އިތާފުށި އަރާފައި މިވަނީ އެ ރިސޯޓު ހުޅުވުމުގެ ކުރިންނެވެ. މެދު އިރުމަތީގެ ޕާޓްނަރަކާއި ރާއްޖޭގެ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރްކަޝަން (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކޮށްފައިވާ މި ރިސޯޓު ހުޅުވާނީ އަންނަ މަހު އެވެ.
އިތާފުށި ރިސޯޓަށް މީގެ ކުރިން ވަނީ މަޝްހޫރު ހަބަރު ސައިޓް ސީއެންއެން އިން އެކުލަވާލި ދުނިޔޭގެ ރިސޯޓުތަކުގެ ލިސްޓަށް ވެސް އަރާފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި މާލެ އަތޮޅުގައި ހުޅުވާ އިތާފުށި ހިންގާ، ހިލްޓަން ބްރޭންޑުން މީގެ ކުރިން ވެސް ރާއްޖޭގައި ރިސޯޓު ހިންގި އެވެ. ހިލްޓަންގެ އެންމެ އަގު ބޮޑު އެއް ބްރޭންޑް ކަމަށްވާ ވާލްޑޮފް އެސްޓޯރިއާގެ ބްރޭންޑުގެ ދަށުން ކުރިން ރާއްޖޭގައި މަނަފަރު ރިސޯޓު ވެސް ހިންގި އެވެ.