ބޭރު ކުޅިވަރު

ބާސެލޯނާގެ ރައީސްކަމަށް ބާޓޮމެއު

Jul 19, 2015

ސްޕޭނުގެ ބާސެލޯނާގެ ރައީސްކަމަށް މިހާރުގެ ވަގުތީ ރައީސް ހޯސޭ މާރިއީ ބާޓޮމެއު މިއަދު އިންތިހާބުކޮށްފި އެވެ.

ގޮންޖެހުންތަކެއްގެ ތެރެއިން އޭނާ އިންތިހާބު ކާމިޔާބުކުރީ ކުރީގެ ރައީސް ހުއާން ލަޕޯޓާއާ ވާދަކޮށެވެ.  އަންނަ ސީޒަނުގައި ބާސެލޯނާ އަށް ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގެންނާނެ ކަމުގެ ހުވަފެން ދައްކަމުންދިޔަ ލަޕޯޓާ އަށް ލިބުނީ 33 ޕަސެންޓް ވޯޓެވެ. ބާޓޮމެއު ވަނީ 54 ޕަސެންޓް ވޯޓު ހޯދާފަ އެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކަށްވާނީ އެކުލަބުން ގަތަރު އެއާވޭޒްއާ އެކު ހަދާފައިވާ އެއްބަސްވުން ދެމެހެއްޓުމެވެ. މީގެ އިތުރުން އޭނާގެ ނާއިބު ރައީސް ކަމުގައި ނޭމާ ގެނައުމަށް ބާސެލޯނާއިން ކުރި ހަރަދުތަކުގައި އޮޅުވާލުން ހުރި ކަމަށް ކުރެވޭ ތުހުމަތުތަކުން އަރައިގަތުމަކީ ވެސް އޭނާ ކުރަންޖެހިފައިވާ ކަމެކެވެ.

ބާސެލޯނާގެ ރައީސްކަމަށް ބާޓޮމެއު ހޮވުނުއިރު އޭނާގެ ޒައާމަތުގެ ދަށުން އެކުލަބުން ވަނީ މިދިޔަ ސީޒަނުގެ ތިން ތަށި ހޯދައިފަ އެވެ. ސްޕެނިޝް ކަޕާއި، ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން މިދިޔަ ސީޒަނަކީ ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ސީޒަނެވެ. އެކުލަބަށް އަންނަ އަހަރު ވެސް ކޯޗުކޮށްދޭނީ މިހާރުގެ ވެސް ކޯޗު ލުއިސް އެންރީކޭ އެވެ.