ދުނިޔެ

ލަންކާގެ ހުރިހާ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެނީ

Jun 3, 2019

ކޮލޮމްބޯ (މެއި 3) - ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެ ގައުމުގެ ސަރުކާރުގައި ހިމެނޭ މުސްލިމު އޮފިޝަލުންނާއި ދެކޮޅަށް ބުޑިސްޓުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، ސަރުކާރުގައި ހިމެނޭ ހުރިހާ މުސްލިމް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުން ވެސް އިސްތިއުފާދޭން ނިންމާފައިވާ ކަން އިއުލާނު ކޮށްފި އެވެ.

ސްރީލަންކާގެ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައުފް ހަކީމް މިއަދު ވަނީ އެ ނިންމުން އިއުލާނު ކުރައްވައިފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ބުޑިސްޓުންގެ އާބާދީ ބޮޑު ކެންޑީގައި މުސްލިމް ދެ ގަވަރުނަރުން އިސްތިއުފާ ދިނުމަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމާއި ގުޅިގެންނެވެ. އިރާއި ހުޅަނގު ޕްރޮވިންސްތަކުގެ ދެ ގަވަރުނަރުން ވަނީ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، އެކި ހިސާބުތަކުގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގުރޫޕުތަކުން ނުކުމެ ވަނީ ގެއްލުންދީފަ އެވެ. ހަމަލާދިން ހަރުކަށި ފިކުރުގެ ގުރޫޕާއި ގުޅުން އޮތްކަމަށް ބުނެ ލަންކާގެ މުސްލިމް ލީޑަރުންނަށްވެސް ވަނީ ތުހުމަތުތައް އަމާޒުވެފަ އެވެ.

ލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސަންޓަކީ މުސްލިމުންނެވެ. އަދި މިދިއަ މާޗު މަހު ވެސް ބުޑިސްޓުން އިސްވެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސަރުކާރުން ވަނީ ކުއްލި ހާލަތުވެސް އިއުލާނުކުރަންޖެހިފަ އެވެ.