ހަބަރު

ހައިވޭގެ ޑިވައިޑަރުތައް ހަލާކުވުމުން ފިލި ކާރު ހޯދައިފި

Jun 4, 2019
1

ސިނަމާލެ ބްރިޖް ހައިވޭގެ ރޯޑް ޑިވައިޑަރުތަކުގައި ޖެހުމުން، މަޑުނުކޮށް ފިލި ކާރު ފުލުހުން ހޯދައިފި އެވެ.

މިއަދު ހެނދުނު 10:00 ޖެހި އިރު ހިނގި އެ އެކްސިޑެންޓްގައި ޑިވައިޑަރުތަކުގެ ބޮޑުބައެއް ހަލާކުވުމުން، ވެހިކަލް މަޑު ނުކޮށް ގޮސްފައިވާ ކާރު ހޯދާފައިވަނީ ގަރާޖެއްގެ ތެރޭގައި ބާއްވާފައިވަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އެ ޕްރައިވެޓް ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

ބްރިޖް ހުޅުވި ފަހުން އެތައް އެކްސިޑެންޓެއް ހިނގައި ހުޅުމާލޭ އާއި މާލެ ގުޅުވައިދޭ ހައިވޭގެ ވަރުގަދަ ދަގަނޑު ފެންސާއި ރޯޑް ޑިވައިޑަރުތައް އެތަކެއް ފަހަރެއްގެ މަތީން ފުނޑުފުނޑުވެފައި ވެއެވެ.

ފެންސާއި ރޯޑް ޑިވައިޑަރުތައް ހަލާކުވި އެކްސިޑެންޓުތައް

  • 30 އޮކްޓޯބަރު 2018: އެޗްޑީސީ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ފެންސުގައި ޖެހި ބޮޑު ބައެއް ހަލާކުވި
  • 16 ޖެނުއަރީ 2019: ލޮރީއެއް ކޮންޓްރޯލް ނުވެ ހައިވޭ ރޯޑް ޑިވައިޑާތަކުގައި ޖެހި ވަނީ ހަލާކުވެފައި
  • 18 ފެބްރުއަރީ 2019: ކާރެއް ކޮންޓޮރޯލް ނުވެ ފެންސު ފަޅައިގެން ގޮސް ހޮޅިދަނޑި އެއްގައި ޖެހުނު
  • 19 ފެބްރުއަރީ 2019: ޓެކްސީ އެއް އެކްސިޑެންޓުވެ ޑިވައިޑަރުތަކުގެ ބޮޑު ބައެއް ހަލާކުވި
  • 9 މޭ 2019: ހުޅުމާލެއިން މާލެ ދިޔަ ވޭނެއް އެކްސިޑެންޓުވެ ޑިވައިޑަރުތަށް ހަލާކުވި

މިއިން އެއްވެސް އެކްސިޑެންޓަކަށް ބަދަލު ނަގާފައެއް ނުވެއެވެ. އަދި އެ އެކްސިޑެންޓްތަކުގެ ގެއްލުމުގެ ބަޔަށް ފިޔަވަޅު އެޅި ކަން ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ.