މޯލްޑިވްސް ޕޮލިސް ސާވިސް

ނޫސްވެރިޔާ ނާފިޒަށް އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާ ދެނީ

ނޫސްވެރިޔާ އަލީ ނާފިޒަށް ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދޭން ފަށައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖު ހައިވޭ ޓްރެފިކް ލައިޓް ކައިރީގައި އިއްޔެ އިރުއޮއްސި 6:25 ހާއިރު އެވެ.

ޓްރެފިކް ލައިޓް ކައިރިން ނައްޓާލި ސައިކަލަކުން ޖެހުނު ވަގުތު އެހެން ސައިކަލެއްގައި އިން ނާފިޒުގެ ހަށިގަނޑު ދުރަށް ވިއްސައިގެން ގޮސް ހަށިގަނޑު ޖެހިފައިވަނީ މާދުރަށް ކަމަށް އެނގިފައިވެ އެވެ.

އެކްސިޑެންޓާ ގުޅިގެން ނާފިޒުގެ ކޮނޑުހުޅު ނެއްޓި ވައަތު ލޮލުގެ ކައިރިން ފެށިގެން ފުއްކިބައާއި ހަމައަށް ހަންގަނޑު ވީދައިގެން ގޮސްފައިވެ އެވެ. އަދި ބޮލުގެ ފުއްކިބައިގައި ރެނދު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

އެކްސިޑެންޓް ހިނގީ ނާފިޒު އެކަނި ދުއްވަމުން ދިޔަ ސައިކަލްގެ ފަހަތުން އައި ސައިކަލް އޯވާޓޭކް ކުރުމުގެ ތެރޭގައި ނާފިޒުގެ ސައިކަލްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑްވެސް ހޯދާފައިވާ ނާފިޒު އާއި އެކު އިތުރު ސައިކަލެއްގައި އެވަގުތު އޭނާގެ އަންހެނުން އަދި ކުރީގެ ނޫސްވެރިޔާ ސާލީ މުހައްމަދުވެސް ދަތުރުކުރަމުން ދިޔަ ކަމަށްވެ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން އާއިލާގެ މީހަކު ބުނީ ނާފިޒަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގެ އައިސީޔޫގައި ކަމަށެވެ. އެތެރެ ހައްޓަށް ލޭ ފައިބާތީ އާއި ލޭ ފޭބުން އަދިވެސް މުޅިން ކޮންޓްރޯލް ނުވާތީ ނާފިޒުގެ ސާޖަރީ ކުރިއަށް ގެންދެވޭ ގޮތް އަދި ނުވާ ކަމަށްވެސް ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ސާޖަރީއެއް ހެދެން މިއޮތީ ލޭ އައުން ކޮންޓްރޯލް ކުރެވިގެން. ނާފިޒުގެ ހާލު އަވަހަށް ރަނގަޅުކުރުމަށްޓަކައި ސާޖަރީ އަވަސްވާންވެސް ޖެހޭ،" އޭނާ ބުންޏެވެ.

ދައުރު ނޫހުގެ މަލްޓިމީޑިއާ އެޑިޓާ ނާފިޒުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އޭޑީކޭ އިން އެއްވެސް މައުލޫމާތެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ނާފިޒަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނާފިޒު، އޭޑީކޭއަށް ގެންދިޔައީ އާއިލާ އިން އެދިގެންނެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ސިނަމާލެ ބްރިޖު ހައިވޭ ލައިޓް ކައިރިން ދެ ސައިކަލް ޖެހި އެކްސިޑެންޓްވި 30 އަހަރުގެ މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.