ހަބަރު

ކުޅުދުއްފުށީގައި ފެން ބޮޑުވެ، ގޭގެއަށް ގެއްލުންތަކެއް

Jun 4, 2019
2

ހދ. ކުޅުދުއްފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި، ރަށުގެ އެކި ހިސާބުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

ކުޅުދުއްފުއްޓަށް މިއަދު މެންދުރު ވެހެން ފެށި ވާރޭ، މެދުކެނޑުމެއް ނެތި ހަވީރު ވަންދެން ބޯކޮށް ވެހުނެވެ. އެ ވާރޭގެ ސަބަބުން ރަށުގެ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަނީ ފެން ވަދެފަ އެވެ.

އެގޮތުން ހަ ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެ، ބައެއް ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ. އޭގެ ތެރެއިން ދެ ގެއެއްގައި މީހުންނަށް ނޫޅެވޭ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. އެ ދެ އާއިލާއަށް ވަގުތީ ހިޔާވަހިކަމެއް ކައުންސިލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަށުގެ ދެ ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު އެ ދެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއަދު ރާއްޖޭގެ ގިނަ ރަށްތަކަކަށް މޫސުން ގޯހެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.