ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް 'ބަކާ' ގެ ފުޓްބޯޅަ އެކެޑެމީ، ހއ. ދިއްދޫގައި ލޯންޗު ކޮށްފި އެވެ.
ބަކާގެ އެކެޑެމީ އީދު ދުވަހާ ދިމާކޮށް އިއްޔެ ފެށީ، 120 ކުދިންނާއެކު އެވެ. އޭއެފްސީ ކޯޗުން އެޑިއުކޭޝަންގެ ސީ ލައިސެންސް ހާސިލު ކޮށްފައިވާ ތިން ކޯޗުން މިވަގުތު އެކެޑެމީގައި ހަރަކާތްތެރި ވާނެ އެވެ.
އައްޑޫ އަށް އުފަން ބަކާގެ އެކެޑެމީ ދިއްދޫގައި ލޯންޗު ކުރިއިރު ބަކާ އަކީ ދިއްދޫ އާ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. ބަކާ ބުނީ، ދިއްދޫގައި އެކެޑެމީ ލޯންޗު ކުރީ ފުޓްބޯޅައިގެ ބޯން ޓެލެންޓް އޮތް ރަށަކަށް ދީއްދޫ ވާތީ، އިތުރު ތަމްރީންތަކާއެކު އެކުދިންގެ ފުޓްބޯޅަ ކެރިއާ ބިނާ ކުރަން އެހީތެރިވުމުގެގޮތުން ކަމަށެވެ.
"އަހަރެން ކޮންމެ އަހަރަކުހެން މިހާރު މިރަށަށް އެބަ އަންނަން، ޓެލެންޓް އޮތް ރަށެއް މިއީ، ބޭނުން ވަނީ އެ ކުދިންނަށް އިތުރު ތަމްރީންތައް ފޯރުކޮށް ދިނުން،" ބަކާ ވާހަކަ ދެއްކި އެވެ. "އެހެންވެ މިރަށުގައި ޕްރޮފިޝަނަލް ލެވަލުގައި ޑިވްލަޕްމެންޓަށް މަސައްކަތް ފެށިފައި ނެތީމަ އަހަރެން ހިތައް އެރީ މިއީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެޔޭ މި ކުދިންގެ ހުނަރު ޑިވްލަޕް ކުރަން."
މިދިޔަ 12 އަހަރު ގައުމީ ޓީމަށް ކުޅުނު ބަކާ ބުނީ، ގައުމީ ޓީމުގައި، ދިއްދޫގެ ކުޅުންތެރިން ކުރިއަށްއޮތް ތަނުގައި ހިމެނޭނެ ކަމަށާއި އޭނާގެ އެކެޑެމީ މަސައްކަތް ކުރާނީ ދުރު ރާސްތާގައި ޕެލޭނެއްގެ ދަށުން ކަމަށެވެ. މިވަގުތު ތިން ކޯޗުން އެކެޑެމީގައި ތިބި ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޯޗުންގެ އަދަދު އިތުރު ކުރާނެ ކަމަށް ބަކާ ބުންޏެވެ.
"އަހަރެންގެ އެންމެ ބޮޑު ޓާގެޓަކީ ގައުމީ ޓީމު ތަމްސީލު ކުރަން ދިއްދޫގެ ދަރިން ތިބުން،" އައްޑޫގެ ފުޓްބޯޅަ ޑިވްލަޕްމެންޓް ޕްރޮގްރާމްގެ ތެރެއިން އުފެދުނު ބަކާ ބުންޏެވެ. "އިންޝާ ﷲ އެހިސާބަށް އަހަރެމެންގެ މަސައްކަތް ގެންދާނަން."
ބަކާގެ ފުޓްބޯޅަ ކެރިއަރު ފެށީ، އައްޑޫ ވިޔަފާރިވެރިންތަކެއް ކުރިން ހިނގި އައިލެންޑް ފުޓްބޯޅަ ކުލަބުންނެވެ. ކުރީގެ ކޯޗް މައުރޫފް އަހްމަދު 'މާއްޓޭ' ގެ ކޯޗް ކަމުގައި ބަކާ ކުޅެން ނެރުނުއިރު އޭނާގެ ނަމަކަށް 'ބަކާ' ގެ ނަން ދިނީ މާއްޓޭ އެވެ.
ބަކާގެ ނަމަކީ، ކުރިން ވިކްޓަރީއަށް ކުޅުނު އެފްރިކާގެ ޑިފެންސިވް މިޑްފީލްޑަރެއް ކަމަށްވާ ބަކާ އެވެ. މާއްޓޭ އެނަން އާރިފްއަށް ހަރު ކުރީ އެއް މަގާމަކަށް ކުޅޭތީ އެވެ.