ދިރިއުޅުމުގެ އަދާތައް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބަދަލު ކުރަންޖެހޭ ކަމަށާއި ނޭވާލާ ވައި އަމިއްލަ އަތުން ތަޣައްޔަރު ނުކުރަން އިލްތިމާސް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރިއިރު ރާއްޖެ ވެސް އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ސިނާއީ ބޮޑެތި ކާރުހާނާތައް ނެތަސް، އުޅަނދުފަހަރުތަކުން ޖައްވަށް ބޭރުވާ ވިހަ ދުމުގެ މިންވަރު މަދެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އާބާދީގެ ބޮޑު އިންސައްތައެއް ވެރިރަށް މާލެއަށް ތޮއްޖެހިފައިވާއިރު، އެ އެންމެން ނޭވާލާން ޖެހިފައިވަނީ އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަގައްޔަރުވެފައިވާ ވައިގެ ތެރެއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ތިމާވެށްޓާ ރަހުމަތްތެރި ވައްޓަފާޅިއަކަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވައި ސާފުވުމާއި ތަގައްޔަރުވުމަކީ ދިރިއުޅުމާ ގުޅިފައި ހުރި ކަމެއް ކަން ގަބޫލުކޮށް، ނޭވާލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަގައްޔަރު ނުކުރާ ބަޔަކަށްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވައި ތަގައްޔަރުވާ މިންވަރު ދަށްކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެން. ހަކަތަ އުފެއްދުމަށް ތެޔޮ އެންދުމުގެ ބަދަލުގައި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށްގެން. ބޭކާރުގޮތުގައި އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުންޏަކީ އަލުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީވެސް ވައި ތަގައްޔަރުވާ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް ރާއްޖޭގެ ޖަޒީރާ ވަންތަކަން މި ސަރުކާރުން ނަގައި ނުލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލޭގައި ހުސް ޖާގަ އާއި ޕާކު ކުރެވޭނެ ގޮތްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްސ ވިދާޅުވި އެވެ. އޭގެ އިތުރުން ތިމާވެށްޓާ ރަހުމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.