ހަބަރު

ހައްދު ފަހަނަ އެޅުމާ ދެކޮޅަށް ތެދުވާނަން: އަދީބު

Dec 30, 2014
1

ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން ޝޯ ބޭއްވުމަށް ރާއްޖެ އަންނަ ހަމަޖެހިފައި އޮތް ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ނާންނަ ގޮތަށް ހަމަޖެއްސި ނަމަވެސް ކުރިން ވެސް ރޭވިފައި އޮތްގޮތަށް ޝޯ ކުރިއަށް ދާނެ ކަމަށާއި އަދި ހައްދު ފަހަނަ އެޅުމާ ދެކޮޅަށް ތެދުވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ބަޔަކު ވީޑިއޯއެއް އާންމު ކުރުމުން ޝޯން ޕޯލް ވަނީ އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ދަތުރު ކެންސަލްކޮށްފަ އެވެ.

އެކަމާ ގުޅިގެން އަދީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ނުބައި ރޭވުންތަކުގެ ސަބަބުން ޝޯން ޕޯލްގެ ދަތުރު ކެންސަލް ކޮށްފައިވާތީ ހިތާމަ ކުރާ ކަމަށާއި ނަމަވެސް ކުރިން ވެސް ރޭވިފައި އޮތްގޮތަށް އެ ޝޯ ކުރިއަށް ދާނެ ކަމަށެވެ. އަދި ހައްދު ފަހަނަ އަޅައި ދިނުމާ ދެކޮޅަށް އޭނާ ތެދުވާނެ ކަމަށާއި އެ ޝޯ ބަލަން އައުމަށް އެދޭ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ޝޯން ޕޯލްގެ ދަތުރު ކެންސަލް ކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ޝޯން ޕޯލަށް އިންޒާރު ދީ ބަޔަކު ވީޑިއޯއެއް އާންމުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޝޯން ޕޯލަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އެ ވީޑިއޯއަކީ ބަޔަކު އޮޅުވާލަން ކޮށްފައިވާ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުންނާއި ސިފައިން ބުނެފައިވަނީ އެ ޝޯގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ކަމަށާއި ރާއްޖެ އަންނަ ބޭރުގެ މެހެމާނުންނަށް ދޭންޖެހޭ ރައްކާތެރިކަން ދޭނެ ކަމަށެވެ.