ހަބަރު

ޑްރައިވަރަށް ނިދިގެން ހުޅުމާލޭގައި އެކްސިޑެންޓެއް

Jun 6, 2019
3

ކާރެއް ދުއްވަން އިން ޑްރައިވަރު ނިދިޖެހުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހުޅުމާލޭގައި ހިނގައިފި އެވެ. މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު ހުޅުމާލެ، ރީތިގަސްމަގުގަ އެވެ. އެ މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ މަގުގެ ވައި ފަރާތުގައި ހުރި ގަހެއްގައި ޖެހި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރީ ޑްރައިވަރު ނިދި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވާއިރު، މީގެކުރިން ހުޅުމާލޭގައި ބަހެއް ވެސް ޑްރައިވަރު ނިދި ޖެހުމުގެ ސަބަބުން އެކްސިޑެންޓްވި އެވެ. އެ އެކްސިޑެންޓްގައި ޓޫރިސްޓަކު މަރުވި އެވެ.

މިއަދުގެ އެކްސިޑެންޓްގައި ކާރުގައި ތިބި ތިން މީހުންނަށް އަނިޔާވެފައިވާއިރު ކާރު ދުއްވަން އިން މީހާގެ މެޔަށް ތަދުވާތީ އޭނާއަށް މިހާރު ވެސް ދަނީ ފަރުވާދެމުންނެވެ. ދެން އެ ކާރުގައި ތިބީ ޗައިނާ ދެ މީހުންނެވެ. އެއިން މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.