ކުޅިވަރު

އިންގްލެންޑް ބަލިކޮށް ހޮލެންޑް ފައިނަލަށް

އެކްސްޓްރާ ޓައިމުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު، އިންގްލެންޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޔޫއެފާ ނޭޝަންސް ލީގްގެ ފައިނަލަށް ހޮލެންޑް ދަތުރު ކޮށްފި އެވެ.

އިންޓަނޭޝަނަލް މުބާރާތެއްގައި، މިހާ ބޮޑު ކުރިއެރުމެއް ހޮލެންޑުން ހޯދީ، ފަސް އަހަރު ފަހުންނެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ އާއި ވޯލްޑްކަޕަށްވެސް ހޮލެންޑް ކޮލިފައި ނުވުމުން އެ ގައުމުގެ ފުޓްބޯޅަ އޮތީ އަނދަވަޅަކަށް ވެއްޓިފަ އެވެ. އެ ހާލަތު ބަދަލުކޮށް ހޮލެންޑް ވަނީ އަލުން ޔޫރަޕްގެ ދެ ވަނަ އަށް އެންމެ ބޮޑު އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލު މެޗުގައި، ހޮލެންޑް ނިކުންނާނީ، ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާ ދެކޮޅަށެވެ. އިންގްލެންޑަށް ފައިނަލުގެ ޖާގަ ގެއްލުމުން މިއީ އެއް އަހަރު ތެރޭ އެ ޓީމުން ސެމީ ފައިނަލުގައި ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލުގައި އެ ޓީމު ބަލިވީ، ކްރޮއޭޝިއާ އަތުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު، 32 ވަނަ މިނެޓްގައި އިންގްލެންޑުން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއެއްގަ އެވެ. ލިބުނު ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް އެވެ.

ހޮލެންޑުން ނަތީޖާ ހަމަހަމަ ކުރީ، ޑިލްޓް އެވެ. އެ ލަނޑު އޭނާ ޖެހީ މެންފިސް ޑީޕޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ހޮލެންޑުން ލަނޑު ކާމިޔާބު ކުރީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ.

މެޗުގެ 82 ވަނަ މިނެޓްގައި އިންގްލެންޑުގެ ޖެޒީ ލިންގާޑް ލަނޑު ކާމިޔާބު ކޮށް އުފާފާޅުވެސް ކުރި އެވެ. އެހެންނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލަޖީން ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

ނަތީޖާ ހަމަހަމަ ވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި އިންގްލެންޑަށް މައްސަލަ ކުރިމަތިވީ، އެ ޓީމުގެ ކައިލް ވޯލްކާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ހޮލެންޑްގެ ތިން ވަނަ ލަނޑު އިތުރު ވަގުތު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ސެވިއްޔާގެ ވިންގާ ކްއިންޒީ ޕޮރޮމްސް އެވެ.

ޔޫއެފާ ނޭޝަން ލީގްގެ ތިން ވަނަ ހޮވާ މެޗުގައި، އިންގްލެންޑް ވާދަ ކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޯޗްގަލް އަތުން ބަލިވި ސްވިޒަލޭންޑާ ދެކޮޅަށެވެ.