ޔޫރޯ ފުޓްބޯލަ މުބާރާތުގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ނެދަލެންޑްސް އާއި ޕޮލެންޑް ބައްދަލުކުރި މެޗު 2-1ގެ ނަތީޖާއަކުން ނެދަލޭންޑްސް މޮޅުވެއްޖެ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުންވެސް ވަނީ ވަރަށް ބޮޑަށް އެޓޭކިން ގޭމެއް ކުޅުމަށް މަސައްކަތް ކޮށްފަ އެވެ.
މެޗު ފެށިގެން 16 ވަނަ މިނެޓުގެ ތެރޭގައި ބުކްސާ ޖެހި ގޯލަކުން ޕޮލެންޑް ޓީމުން ލީޑު ނަގާފައިވެ އެވެ. އެއަށްފަހު ދެން ފެނުނީ ޕޮލެންޑް ޓީމު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވްކޮށް ކުޅެމުން ދިޔަ މަންޒަރެވެ.
ޕޮލެންޑުން ޑިފެންސް ކުރަނިކޮށް ނެދަލޭންޑްސްގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ގަޕްކޯ އެވެ. އެއަށްފަހު ދެޓީމުން ވެސް ހަމަލާތައް އިތުރުކުރި އެވެ.
ނެދަލޭންޑްސްއަށް އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ ދެވަނަ ހާފުގެ ކުޅުން ނިމެން ދަނިކޮށް 84 ވަނަ މިނެޓުގައި އެޓީމުގެ މެދުތެރެއަށް ކުޅެމުންދާ ވައިގޯސްޓް އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އިދިކޮޅު ގޯލަށް އަމާޒުކުރި އެވެ.
ޕޮލެންޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލެވެންޑޯސްކީއަށް އަނިޔާވުމުގެ ސަބަބުން މިމެޗުގައި އޭނާ ނުކުޅެ އެވެ. މިމެޗުގައި އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީވެސް އެއީ ކަމަށް ބެލެވެ އެވެ. ކުރިއަށް ހުރި މެޗުތަކުގައި ލެވެންޑޯސްކީ ފެންނާނެ ކަމަށް ބެލެވެ އެވެ.