ދުނިޔެ

ލަންކާގެ އިދިކޮޅު ޕާޓީތަކުން ބޭނުންވަނީ ޗައިނާގެ ބިޔަ ޕްރޮޖެކްޓް ކެންސަލްކުރަން

Dec 30, 2014

ސްރީ ލަންކާގެ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް މައިތިރިޕަލާ ސިރިސޭނާ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، ޗައިނާ އިން ސްރީ ލަންކާގައި ހަދާ 1.34 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ކެންސަލް ކުރާނެ ކަމަށް އިދިކޮޅު ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރެމަސިންހަ ވިދާޅުވެއްޖެ އެވެ.

ކުރީގެ ބޮޑުވަޒިރު ރަނިލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ޗައިނާގެ އެހީގައި ހަދާ ޕޯޓް ސިޓީގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

ޕޯޓް ސިޓީ ހަދަނީ ޗައިނާ އިން ހަދާދީފައިވާ ކޮންޓެއިނާ ޓާމިނަލްއާ ޖެހިގެންނެވެ، އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ލަންކާ އަށް ކުރެއްވި ޒިޔާރަތުގަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ޕޯޓް ސިޓީ ހެދުމަށް ހިއްކާ، ގާތްގަނޑަކަށް 580 އޭކަރުގެ ސަރަހައްދުގެ ތިން ބައިކުޅަ އެއް ބައި ޗައިނާ އަށް ދޭނެ އެވެ. މިއީ ލަންކާގައި މިހާތަނަށް ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓެވެ.

ޗައިނާ އިން މިހާރުވެސް ވަނީ ލަންކާގައި ބޮޑެތި އިންވެސްޓްތައް ކޮށްފަ އެވެ. އެގޮތުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި ކޮލަމްބޯއާ ގުޅުވައިދޭ އެކްސްޕްރެސް ވޭ ފާހަގަކޮށްލެވެ އެވެ.

ޗައިނާ އިން ލަންކާގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކެންސަލްކުރަން އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިބި އިރު އެ މީހުންގެ ރިޔާސީ ކެންޑިޑޭޓް ސިރިސޭނާ ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި ޗައިނާ އާއި އިންޑިއާއާ އެކު ވެސް ބާއްވަވާނީ ހަމަހަމަ ގުޅުމެއް ކަމަށެވެ.