ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ކޮންޓްރޯލް އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިމީ ކޮމިޓީތަކުގެ ކޮންޓްރޯލް އެމްޑީޕީއަށް ލިބޭ ގޮތަށް، ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ކަނޑައެޅި ވަގުތީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާއެކު، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ހިމެނޭ ގޮތަށް 17 ދާއިމީ ކޮމިޓީ ވަނީ އެކުލަވާލާފަ އެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް 13 މެންބަރުން ތިއްބަވާއިރު، ބާކީ ހުރި ކޮންމެ ކޮމިޓީއެއްގައި ތިއްބަވާނީ 11 މެންބަރުން ކަމަށް ވެސް އެންމެ ފަހުން ގެނައި އިސްލާހުގައިވެ އެވެ.

ކޮމިޓީތައް އެކުލަވާލުމަށް ކަނޑައެޅި ވަގުތީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް މަޖިލީހުން ހުށަހެޅި ކަރުދާހުގައިވާ ގޮތުން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ފިޔަވައި ބާކީ ހުރި ކޮންމެ ކޮމިޓީއެއްގައި 11 މެންބަރުން ތިބޭނަމަ، ކޮމިޓީތަކުން 176 ޖާގަ ލިބެ އެވެ.

މިގޮތުން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ފިޔަވައި ދެން ހުރި 16 ކޮމިޓީން 65 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އެމްޑީޕީއަށް 132 ޖާގަ ލިބެ އެވެ. އެއީ ކޮންމެ ކޮމިޓީއަކުން އަށެއް ނުވަތަ ނުވަ ޖާގަ އެވެ. ޖުމްހޫރީ ޕާޓީއަށް ވެސް 10 ޖާގަ ލިބޭއިރު، ޕީޕީއެމަށް ވެސް 10 ޖާގަ ލިބެ އެވެ. ޕީއެންސީއަށް ހަ ޖާގަ ލިބޭއިރު، އެމްޑީއޭއަށް ހަތަރު ޖާގަ ލިބެ އެވެ. އަދި އަމިއްލަ މެންބަރުންނަށް ލިބެނީ 14 ޖާގަ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް ގާނޫނު އަސާސީގައިވާއިރު، އެ ކޮމިޓީއަށް ހުރިހާ ޕާޓީތަކުގެ މެންބަރުންނަށް ވެސް ފުރުސަތު ވަނީ ދީފަ އެވެ. ނަމަވެސް ކަރުދާސް އެކުލެވިފައިވާ ގޮތުން އެ ކޮމިޓީގެ އަޣުލަބިއްޔަތު ވެސް ލިބެނީ އެމްޑީޕީއަށެވެ. އެ ކޮމިޓީގައި އެމްޑީޕީގެ އަށް މެންބަރުން ތިއްބަވާނެ އެވެ. ދެން ކޮންމެ ޕާޓީއަކުން މެންބަރަކާއި އަމިއްލަ މެންބަރެއް ހިމެނެ އެވެ.

ވަގުތީ ކޮމިޓީގެ މުގައްރިރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެންބަރުން އެއްބަސްވެވަޑައިގަންނަވާނަމަ އިތުރު ކޮމިޓީތަކުގައި ވެސް 13 މެންބަރުން ހިމެނޭ ގޮތަށް ހަމަޖެއްސިދާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމަކީ ވެސް ހުރިހާ ޕާޓީތަކަށް ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް އެހެން ވިދާޅުވުމުން މާވަށު ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ މެންބަރު މުހައްމަދު ސައީދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް 13 މެންބަރުން ތިއްބަވާ ގޮތަށް ހުށަހަޅުއްވާފަ އެވެ. އަދި އެ ހުށަހެޅުއްވުމަށް އެމްޑީޕީގެ މެންބަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ތާއީދު ކުރައްވާފަ އެވެ. އެހެން ނަމަވެސް ކޮމިޓީތަކަށް މެންބަރުން އިތުރު ކުރުމާ ގުޅޭ ގޮތުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވޯޓަކަށް ނާހަ އެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުން ކޮމިޓީގެ މުގައްރިރު އާޒިމް ވަނީ ޕާޓީތަކުން މަޝްވަރާ ކުރެއްވުމަށްފަހު ކޮމިޓީތަކުގައި ހިމަނަން ބޭނުންވާ މެންބަރުންގެ ނަންތަކާއި އަދަދުތައް ފޮނުވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމިޓީގެ މުގަރިއްރަރަކަށް އާޒިމް ހަމަޖެއްސެވިއިރު، ނައިބު މުގައްރިރަކަށް ހަމަޖެއްސެވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.