މެޗުގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރން ޖެހި ޕެނަލްޓީގައި، ސްވިޒަލޭންޑްގެ މައްޗަށް 6-5 ން ކާމިޔާބު ހޯދައި، ޔޫއެފާ ނޭޝަން ލީގްގެ ތިން ވަނަ މަގާމު އިންގުލެންޑުން ހޯދައިފި އެވެ.
މެޗުގެ 90 މިނެޓް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުމުން، ކުޅުނު އިތުރު ވަގުތުގެ ދެ ހާފުވެސް ނިމުނީ ލަނޑެއް ނުޖެހި އެވެ. ޕެނަލްޓީގައި އިނގިރޭސިންނަށް ކާމިޔާބު ވީ ސްވިސްގެ ޔޯސިޕް ޑާމިޗް ޖެހި ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ޑައިވްކޮށް ދިފާއު ކުރުމުންނެވެ. ޕިކްފޯޑް ވަނީ އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.
ޔޫއެފްއާ ނޭޝަން ލީގާ އިނގިރޭސިން ކުރިމަތިލީ، އެ މުބާރާތް ބާއްވާ ފުރަތަމަ ފަހަރު ކަމުން މުބާރާތް ކާމިޔާބު ކުރުމުގެ ފުރަތަމަ ޝަރަފު ހޯދުމަށެވެ. އެހެންވެ، އެ މުބާރާތުގެ ތިން ވަނަ ލިބުމަކީ އިންގްލެންޑަށް މާބޮޑު ކާމިޔާބަކަށް ނުވި އެވެ.
ގެރެތު ސައުތުގޭޓްގެ ކޯޗު ކަމުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންގުލެންޑުން މުބާރާތުގެ ތިން ވަނަ ހޯދުމުން މިއީ އެ ޓީމުގެ ހަޔާތުގައި މުބާރާތަކުން ބްރޯންޒް މެޑަލް ލިބުނު ދެ ވަނަ ފަހަރެވެ. އެއީ މިދިޔަ އަހަރުގެ ވޯލްޑްކަޕާއި އިޓަލީގެ 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ތިން ވަނަ ހޮވި މެޗުން ބަލިވުމަށް ފަހު އެ ޓީމުން ތިން ވަނަ މަގާމު ހޯދި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން، އިނގިރޭސިން ތިން ވަނަ މަގާމު ހޯދީ 1968 ވަނަ އަހަރު އިޓަލީގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އޭގެ ކުރިން ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަންކަން އިނގިރޭސިން ހޯދި އެވެ.