ވިޔަފާރި

ވޯލްޑް އެސްއެމްއީ ފޯރަމްގައި މެންބަރު ސައީދު ތަގުރީރު ކުރައްވަނީ

Jun 10, 2019
7

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއްވުން ކަމަށްވާ، ވޯލްޑް އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ލިބިއްޖެ އެވެ.

މެންބަރު ސައީދު ވިދާޅުވީ އެ ފޯރަމްގައި އޭނާ ވާހަކަފުޅު ދައްކަވާނީ ވިޔަފާރި ކުރުމުގައި ގެންގުޅޭ އުސޫލުތަކާބެހޭ ގޮތުންނާއި މި ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ކަމަށެވެ.

ވޯލްޑް އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރައްވާނެ ފުރުސަތު ސައީދަށް ލިބި ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވަނީ ޗައިނާ އެސޯސިއޭޝަން އޮފް ސްމޯލް އެންޑް މީޑިއަމް ކޮމާޝަލް އެންޓަޕްރައިސަސްގެ ޖަމިއްޔާގެ ލަފާ ދޭ ކޮމިޓީގެ މެންބަރުކަން ވެސް ލިބި ވަޑައިގެންފައެވެ.

މިމަހުގެ 21 އިން 22 އަށް ޗައިނާގެ ބެއިޖިންގައި އޮންނަ މި ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ. މި ގައުމުތަކުން 150 އަށް ވުރެ ގިނަ ސަރުކާރު އޮފިޝަލުން ބައިވެރިވާއިރު، 350 ސްޕީކާސް ވާހަކަފުޅު ދައްކަވާނެ އެވެ. އަދި 1400 އަށްވުރެ ގިނަ ކުންފުނިން 1350 އަށްވުރެ ގިނަ ސީއީއޯ އިން ބައިވެރި ވަޑައިގަންނަވާނެ އެވެ.