ހަބަރު

ތިމަރަފުށީ ފުރަތަމަ ދޫކުރި ފެން ބިލް ބޮޑުވެ ޝަކުވާ!

Jun 11, 2019
7

ތ. ތިމަރަފުށީގައި ފެނުގެ ނިޒާމުން ފެން ދޫކުރަން ފަށައި، ގޭގެއަށް ފޮނުވި ފުރަތަމަ ބިލަށް އެރި އަދަދު ބޮޑު ވެގެން އެ ރަށުގެ މީހުން ޝަކުވާ ކުރަން ފަށައިފި އެވެ.

އާބާދީގައި ގާތްގަނޑަކަށް 1،600 މީހުން ދިރިއުޅޭ ތިމަރަފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިދިޔަ ސަރުކާރުން ގާއިމު ކުރި ފެން ވިއުގައިގެ ތެރެއިން މިދިއަ ނޮވެމްބަރު މަހުން ފެށިގެން ހިލޭ ފެން ދޫކުރުމަށް ފަހު ފުރަތަމަ ފަހަރަށް ބިލް ކޮށްފައިވަނީ މިދިޔަ މަހު އެވެ. އޭނާ ބުނީ ފުރަތަމަ ބިލް އައިއިރު ގޭގޭގެ ބިލަށް އާދަޔާ ހިލާފު ބޮޑު އަދަދެއް އަރާފައިވާ ކަމަށެވެ.

"ދެ މީހުން ނޫނީ ތިން މީހުން އުޅޭ ގޭގޭގެ ބައެއް ގޭގެ އަށް 2،000ރ. ނޫނީ 3،000ރ. ވެސް އަރާފައި އެބަހުރި. އެކަމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވަނީ،" އޭނާ ބުންޏެވެ.

ފެނަކަ އިން ކޮށްފައިވާ ޓުއީޓް

ތިމަރަފުށީގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން ގެންދަނީ ސަރުކާރުގެ 100 ޕަސެންޓް ކުންފުނި ފެނަކަ އިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މޭ މަހު ބިލް ކުރީ އެ މަހު ބިލް ކުރާނެ ވާހަކަ ދުރާލައި ކުރިން އެންގުމަށްފަހު ކަމަށެވެ.

"ބައެއް ބޭފުޅުން ބިލާއިމެދު ކަންބޮޑުވާތީ އެކަން ބެލި ބެލުމުން މީޓަރުތަކުގައި އަދި ބިލް ކުރުމުގައި މައްސަލައެއް ނެތް ކަމުގައި ފެނުނީ،" ފެނަކަ އިން ބުނެފައިވެ އެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއީލް އިބްރާހިމް ވިދާޅުވީ ފެން ބިލް ބޮޑުވެފައި ވަނީ ހޭލުންތެރިކަން ނެތުމުން ކަމަށް ބެލެވޭ ކަމަށެވެ.

"ބައެއް މީހުން އެބަހުރި ފާހާނާ ޓޭންކަށް ވެސް ބޯފެން ގުޅާފަ. އެހެން ވެގެން ހެން ހީވަނީ ބިލް ބޮޑު ވެގެން އުޅެނީ،" އިސްމާއީލް ވިދާޅުވި އެވެ.

ތިމަރަފުށިން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އެ ރަށުގެ ގޭގެ އަށް ކިތަންމެ ފެންވަރު ރަނގަޅު ފެނެއް ދޫކުރި ނަމަވެސް މިހާރު އައިސްފައިވާ ވަރުގެ އަދަދުތަކެއް ހުރި ބިލެއް ނާންނާނެ ކަމަށެވެ.

"މިނަރަލް ވޯޓާ ދޫކުރިއަސް ދެ މީހުން އުޅޭ ގެ އަކަށް 3،000ރ. ނޫނީ 4،000ރ. އެއް ނާރާނެ. އެކަމަކު އެވަރު އަރާފައި އެބަހުރި،"