ފެނަކަ ކޯޕްރޭޝަން

ފެނާ ނަރުދަމާގެ ވައުދު: މައި ހިއްސާދާރަކަށް ފެނަކަ

Dec 29, 2021

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުރިހަމަކުރުމުގެ ގޮތުން، އެހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ.

ފެނަކައިން ބުނީ މިއީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ހިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކުންފުންޏަށް ލިބިފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. މިއީ ފެނަކައިގެ ތާރީހުގައި މިހާތަނަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ފެނަކައިން ބުނީ ހަވާލުކޮށްފައިވާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދި އަވަސްކަމާއެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް އެކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ.

ހަސަތޭކަ މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މި މަޝްރޫއު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީހަށް ވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމުތަކެއް ވުޖޫދު ކުރުމަށް އެކުންފުނިން އަޒުމު ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމުކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމުކުރެވޭ ނިޒާމުތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ހިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ހިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެއް ކަމަށް ވެސް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.