ގައުމީ ޔުނިވާސިޓީ

ގައުމީ ޔުނިވާސިޓީއަށް ލަންކާ ކުންފުންޏަކުން އެހީވެދެނީ

ސްރިލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް ސްޓަރަކްޗަރިން އެންޑް އިންޖީނިއާ ކޮންސަލްޓެންޓް (ސީއެސްއީސީ) އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް އެހީވާން ނިންމައި އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ. ސީއެސްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝިރޯމަލް ފެނާންޑޯ އެވެ.

އެމްއޯޔޫގެ ދަށުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އިމަރާތްކުރުމުގެ ސިނާއި ފަންނުގެ ތަމްރީނު ސީއެސްއީސީ ފޯރުކޮށްދޭނެ އެވެ. އަދި ފުރަތަމަ ޑިގްރީގެ ކޯސްތަކަށް ސްކޯލަޝިޕް ދިނުމާއި އިންޓާންޝިޕް ފުރިހަމަ ކުރުމަށް އެހީތެރިވުމާއި ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ފަންނީ ތަމްރީނު ފޯރުކޮށް ދިނުމަށްވެސް ސީއެސްއީސީ އެހީވާނެ އެވެ.

މީގެ އިތުރުން ގައުމީ ޔުނިވާސިޓީން ރިސާޗް ހަދާ ދަރިވަރުންނަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން ރިސާޗް އެސިސްޓެންސް ފޯރުކޮށްދިނުމާއި ދެ ޔުނިވާސިޓީގެ ދަރިވަރުން ގުޅިގެން އެކަޑަމިކް ލިޔުންތައް ޕަބްލިޝް ކުރުމުގެ ފުރުސަތު އެއްބަސްވުމުގެ ދަށުން ފަހި ކޮށްދޭނެ އެވެ. އަދި ބައިނަލްއަގުވާމީ ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިކުރުމުގެ މަސައްކަތްވެސް އެމްއޯޔޫގެ ދަށުން ކުރާނެ އެވެ.

ސީއެސްއީސީ އަކީ މިހާރުވެސް ރާއްޖޭގައި ސްޓަރަކަލްޗަލް އިންޖީނިއަރިންގެ މަސައްކަތް ކުރަމުންގެންދާ ކުންފުންޏެކެވެ. އެގޮތުން މާލޭގައި ހަނދަމުންދާ ނަސަންދުރަ ހޮޓަލުގެ ސްޓަރަކަލްޗަލް އިންޖީނިއަރިންގެ މަސައްކަތް ކުރަމުންދަނީ ސީއެސްއީސީ އިންނެވެ. ސީއެސްއީސީގެ މެނޭޖިން ޑިރެކްޓާ ޝިރޯމަލް ފެނާންޑޯ އެމްއޯޔޫގައި ސޮއިކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަށް ސްޓަރަކަލްޗަލް އިންޖީނިއަރިން ދާއިރާއިން ކުރިއަރައިގެން ދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.