ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ދެމުން އަންނަ 20000 ރުފިޔާގެ އެލަވަންސް އުވާލަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ވަގުތީ ކޮމިޓީއަކުން ކުރިއަށްދާއިރު، ގަވާއިދަށް ގެންނާނެ އިސްލާހުތަކާ މެދު ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތު އިއްޔެ ހަމަވިއިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ މަޖިލީހުގެ ގަވާއިދު ދިރާސާކޮށް އެ ޖަމިއްޔާއިން ގެންނަން ބޭނުންވާ ބަދަލުތަކުގެ މައްޗަށް ކަރުދާހެއް އެކުލަވައިލާ މަޖިލީހަށް ހުށަހަޅާފަ އެވެ.
ޓްރާންސްޕޭރެންސީން ހުށަހެޅި ކަރުދާހު ވަނީ ކޮމިޓީ އެލަވަންސް އުވާލަން ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ މަސައްކަތާ ގުޅިގެން މެންބަރުންނަށް ކުރެވޭނެ ހަރަދުތަކުގެ ތާވަލެއް ކަނޑައަޅައި، އެ މަސައްކަތްތަކަށް ކޮމިޓީ އެލަވަންސަށް ހޭދަވާ ފައިސާ ހަމަޖެއްސުމަށް އެ ހުށަހެޅުމުގައިވެ އެވެ. އެ މަސައްކަތުގެ ތެރޭގައި މަޖިލިސް މެންބަރުން ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ކުރާ ދަތުރުތައް ހިމެނުމަށް ހުށަހެޅުމުގައިވެ އެވެ.
ޓްރާންސްޕޭރެންސީން ބުނީ މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ހުށަހަޅަން ނިންމި ސަބަބަކީ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް މަގުފަހި ކުރުމާއި ރައްޔިތުންގެ މަޝްވަރާގެ މަތިންގެ މަޖިލިސް ހިންގުމަށް ބާރު އެޅުން ކަމަށެވެ. މީގެ އިތުރުން ރައްުޔިތުންނަށް މަޖިލީހުގައި ހިނގާ ކަންކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހޯދައިދިނުން ވެސް އެ އިސްލާހު ހުށަހެޅުމުގެ މަގުސަދެއް ކަމުގައި ޓްރާންސްޕޭރެންސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް އެ މެންބަރުން ކަނޑައެޅޭ ގޮތަށް ގަވާއިދުގައި އޮންނަ އޮތުން ބަދަލު ކުރުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން މަޖިލިސް މެންބަރުންގެ މަސްލަހަތު ފުށު އަރާ ހާލަތްތަކުގެ ވޯޓުގައި ބައިވެރިނުވެވޭ ގޮތް ހެދުމާއި މަޖިލީހުގެ މެންބަރު ކަމުގެ ދައުރުގައި އެހެން ވަޒީފާއެއް އަދާ ނުކުރޭ ގޮތަށް މަޖިލިސް ގަވާއިދު އިސްލާހު ކުރަން ޓްރާންސްޕޭރެންސީގެ ހުށަހެޅުމުގައިވެ އެވެ.
މަޖިލިސް މެންބަރުން ހުށަހަޅާ މާލީ ބަޔާންތަކަކީ އާންމުކުރެވޭ މައުލޫމާތަކަށް ހެދުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގަި މެންބަރންގެ އިތުރުން ސީދާ އާއިލާގެ މާލީ ބަޔާނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރި މުދަލާއި ވިޔަފާރީގެ ތަފުސީލުތަކާއި، މެންބަރުގެ ގޮތުގައި ހުރެ ލިބޭ ހަދިޔާއާއި އިނާޔަތްތަކުގެ ތަފުސީލު ހިމެނެ އެވެ.
އެ ގޮތުން މަޖިލީހުގެ އަމީންއާންމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެންބަރުންގެ މާލީ ބަޔާން ރައްޔިތުންނަށް ފަސޭހައިން ފެންނާނެ އަދި ލިބޭނެ ގޮތަކަށް ހާމަ ކުރާ ގޮތަށް ގަވާއިދު އިސްލާހު ކުރަން ޓްރާންސްޕޭރެންސީގެ ކަރުދާހުގައިވެ އެވެ.