ޓީސީ

ޗެރިޓީ ޝީލްޑް ޓީސީން ކާމިޔާބު ކޮށްފި

ދެ ވަނަ ލެގް މެޗުގައި، މާލޭގައި ކުޅެ ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން މޮޅުވެ، ޓީސީ ސްޕޯޓްސް ކުލަބުން މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި އެވެ.

މި އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު މެޗުގެ ދެ ލެގުގެ ނަތީޖާއާ އެކު، ޓީސީން މެޗު ކާމިޔާބު ކުރީ 4-2 ގެ އެގްރިގޭޓު ނަޓީޖައިންނެވެ. މި އަހަރު ފުޓްބޯޅަ ސީޒަން ޖޫންގައި ފެށުމަށް އެފްއޭއެމުން ކުލަބުތަކުގެ މަޝްވަރާއާ އެކު ނިންމުމުން، ގަލޮޅު ދަނޑުގައި ކުލަބު ފުޓްބޯޅަ މެޗެއް ފެނިގެން މި ދިޔައީ ހަ މަސް ފަހުންނެވެ.

ފުރަތަމަ ލެގް މެޗު، ފޯކައިދޫގައި ކުޅުނީ އެކުލަބުގެ ސަޕޯޓަރުން ދިން ވަރުގަދަ ފޯރި އާއެކު އެވެ. ދެ ވަނަ ލެގް މެޗުގައި ދަނޑުން ފެނުނީ އެ ފަޅު ކަމެވެ.

ދެ ވަނަ ލެގް މެޗު ކުޅެން ހަމަޖެއްސީ، ހޯމަ ދުވަހުގެ ރޭގަ އެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫގެ މުޅި ޓީމަށް މާލެ ނާދެވުމުން އެފްއޭއެމުން މެޗު ފަސް ކުރީ އެވެ.

މެޗުގައި ޓީސީން ވަނީ މެޗު ފެށިގޮތަށް ފޯކައިދޫގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އިބްރާހިމް އައިސަމް ކާމިޔާބު ކުރީވެސް ފުލުފުލުގައި ނެގި ކޯނަރުތަކަށް ފަހު، 21 ވަނަ މިނެޓްގައި ލިބުނު ކޯނަރުން ތަނަވަސްވި ބޯޅައިންނެވެ. އޭނާއަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ބޯޅަ ވައްދާލީ ގޯލްގެ މެދަށެވެ. އެ ބޯޅަ ދިފާއު ކުރުމުގައި، ފޯކައިދޫގެ ކީޕަރު ސާބިގް ހަނީފަށް ކުރެވޭނެ ކަމެއް ނެތެވެ.

ފުރަތަމަ ލަނޑަށް ފަހު، ޓީސީން ކުޅުނީ ހަމަޖެހިލައިގެންނެވެ. ތިރިން ޕާސް ޖަހައިގެން ހަމަޖެހިލައިގެން ޓީސީ ކުޅެން މަސައްކަތް ކުރި އެވެ. ދެ ވަނަ ހާފަށް ނިކުމެ، ފޯކައިދޫއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަލީ ޝާމިއު އެވެ.

ނަތީޖާ ހަމަހަމަ ކޮށްލައިގެން ފޯކައިދޫއަށް އޮވެވުނީ 10 ވަރަކަށް މިނެޓް އިރު އެވެ. ޓީސީއަށް އަލުން ލީޑް ނަގައިދިނީ، މި ސީޒަނަށް ޓީސީއާ ގުޅުނު ނޭޕާލްގެ ގައުމީ ޓީމުގެ ފޯވަޑް ބިމާލް މަގަރު އެވެ. ޓީސީގެ ތިން ވަނަ ލަނޑު ބިމާލް ކާމިޔާބު ކުރީ 80 ވަނަ މިނެޓްގަ އެވެ.

ޓީސީއަށް ޗެރިޓީ ޝީލްޑްގެ އައްޑަނަ، ހަވާލުކޮށް ދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން، ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް 'ބޮޑުހީނާ' އެވެ.

ވޭތުވެދިޔަ ދެ އަހަރު، ބޭއްވި މާލޭ ލީިގް ނުބާއްވަން ނިންމުމުން، މި އަހަރު ސީޒަންގެ ފުރަތަމަ މުބާރަތަކީ ދިވެހި ޕްރިމިއާ ލީގެވެ. ދިވެހި ލީގް ފަށަނީ ހުކުރު ދުވަހު އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، ފ. ނިލަންދޫ ސްޕޯޓްސް ކުލަބާއި، ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ދަ ގުރޭންޑޭ ސްޕޯޓްސް ކުލަބެވެ.