ކުޅިވަރު

އިޓަލީއަށް ފަހު ވަގުތު މޮޅެއް، ފުރާންސް އަލުން އެކަކަށް

އެޑެން ޒެކޯ ފުރަތަމަ ހާފުގައި ބޮސްނިއާ އެންޑް ހެރުޒެގޮވީނާ އަށް ލީޑް ނަގައިދީފައި ވަނިކޮށް، އިޓަލީން ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން 2-1 ން މޮޅުވެ ގުރޫޕްގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

އެންޑޯރާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ފުރާންސް ވަނީ އަލުން ގުރޫޕް އެޗުގެ އެއް ވަނައަށް ޖެހިލާފަ އެވެ.

އަންނަ އަހަރު ޔޫރަޕްގެ އެކި ސިޓީ ތަކުގައި ބާއްވާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ، މިފަހަރުގެ އިންޓަނޭޝަނަލް ބުރޭކުގެ އެންމެ ފަހު މެޗުތައް ރޭ ކުޅެވިގެން ދިޔައިރު، ރޭގެ މެޗުތަކުން އެންމެ އުނދަގޫ މޮޅެއް ލިބުނީ އިޓަލީ އަށެވެ.

އަމިއްލަ ދަނޑުގައި، ބޮސްނިއާ އާ ދެކޮޅަށް ކުޅުނު މެޗުން، އިޓަލީ މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތުގައި، މާކޯ ވެރާޓީ ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ކުރިން ދެ ވަނަ ހާފު ފެށިގޮތަށް، ލޮރެންޒޯ އިންސީނިއާ ވަނީ އިޓަލީއަށް ނަތިޖާ ހަަމަހަމަ ކޮށްދީފަ އެވެ. ފެޑްރީކޯ ބާނެޑެސްކީ ނެގި ކޯނަރު އޭރިއާގެ ބޭރުގައި ހުރެފައި އިންސީނިއާ ވަނީ ބޯޅަ ވައިގެ ތެރޭގައި އެއްވާއި، ބާރު އުންޑައެއްހެން އެ ބޯޅަ ގޯލަށް ވައްދާލަފަ އެވެ.

އިޓަލީ މޮޅުކޮށް ދިން ލަނޑު ޖަހެމަށް ބޯޅަ ތަނަވަސްކޮށްދިނީ އިންސީނިއާ އެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާގެ އަރިމަތިން އޭރިއާ ތެރެއަށް ވަދެ، އޭނާ އެ ބޯޅަ ތިރިން ދިނީ ވެރާޓީ އަށެވެ. އެވަގުތު ބޮސްނިއާގެ ޑިފެންޑަރުންނަށް ހުރެވުނީ، އޭނާ މާކުވެސް ނުކޮށެވެ.

ގުރޫޕް ޖޭ ގެ އެއް ވަނައިގައި އިޓަލީ އޮތީ، ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. ރޮބާޓޯ މަންޗިނީގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފަސް މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.

އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުގައި، ފުރާންސްގެ ތަރިއަކަށް ވީ ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭ އެވެ. ފުރާންސަށް ލީޑް ނަގައިދިނުމުގެ އިތުރަށް އޭނާ ވަނީ އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފަ އެވެ. ރޭ އޭނާ ޖެހި ލަނޑަކީ، ކެރިއަރުގައި އޭނާ ޖެހި 100 ވަނަ ލަނޑެވެ. ފުރާންސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުން ޖާގަ ހޯދި ވަސީމު ބެން ޔާޑެރު އެވެ. ފުރާންސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ފުލޮރިއަން ތޯވޮން އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ކުރުޓް ޒޫމާ އެވެ.

ފުރާންސަށް އަލުން އެއް ވަނަ އަށް އާދެވުނު އެންމެ ބޮޑު ސަބަބަކީ، ކުރިން އެއް ވަނައިގައި އޮތް ތުރުކީ އައިސްލެންޑް އަތުން ބަލިވުމެވެ. އައިސްލެންޑްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 ންނެވެ. ގުރޫޕް އެޗުގެ ޓޮޕް ތިން ޓީމަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ފުރާންސަށް އެއް ވަނަ މަގާމު ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.