ފަހު މެޗުން ލާއޯސް އާ އެއްވަރުކޮށް، ވޯލްޑް ކަޕު ކޮލިފިކޭޝަން ބުރުން ބަންގުލަދޭޝް ޖާގަ ހޯދައިފި އެވެ. ރޭ ބަންގުލަދޭޝްގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ބަންގުލަދޭޝް ކޮލިފައިން އިން ޖާގަ ހޯދީ، ލާއޯސްގައި ކުޅުނު ފުރަތަމަ ލެގު މެޗުން 1-0 ން މޮޅު ވެފައި ވުމުންނެވެ. ބަންގާޅުން ކޮލިފައިންގެ ޖާގަ ހޯދި ނަމަވެސް، ޕްރިލިމިނަރީ ބުރުގައި ވާދަ ކުރާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، ބޫޓާނާއި ޕާކިސްތާނަށް ފުރުސަތު ގެއްލުނީ ދެވަނަ ލެގުން ބަލި ވުމުންނެވެ.
ގުއާމް އާ ދެކޮޅަށް ކުޅުނު ބޫޓާން، ރޭ ގުއާމުގައި ކުޅުނު މެޗަށް ކުރިމަތިލީ އަމިއްލަ ގައުމުގައި ކުޅުނު މެޗުން 1-0 ން މޮޅުވެގެނެވެ. ނަމަވެސް ރޭ ގުއާމްގައި ކުޅުނު މެޗުން ބޫޓާން ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ޕާކިސްތާނުން އަމިއްލަ ދަނޑުގައި ކެމްބޯޑިއާ އަތުން ބަލިވީ 2-1 ންނެވެ. ކެމްބޯޑިއާގައި ކުޅުނު މެޗުން، ޕާކިސްތާން ބަލިވީ 2-0 ންނެވެ. ރޭ ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު ޕާކިސްތާންގެ ހޯމް މެޗުގައި ފުރަތަމަ ލީޑު ނެގީ ޕާކިސްތާނުންނެވެ.
މެޗުގެ 18 ވަނަ މިނެޓްގައި، ލިބުނު ޕެނަލްޓީ އަކުން ހަސަން ބާޝިރު ޕާކިސްތާންއަށް ލީޑް ނަގައި ދިނެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކެމްބޯޑިއާއިން ދެ ލަނޑު ކާމިޔާބުކޮށް އެ ޓީމު މޮޅުވީ 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ކޮލިފައިންގެ އެހެން މެޗުތަކަށް ބަލާއިރު، މެލޭޝިއާ ވަނީ ޓިމޯ ލިސްޓޭގެ މައްޗަށް 5-1 ން މޮޅުވެފަ އެވެ. ދެ ލެގުގެ ނަތީޖާ އާއެކު މެލޭޝިއާ މޮޅުވީ 12-2 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާ އަކުންނެވެ.
މޮންގޯލިއާ އާއި ބުރުނާއި ކުޅުނު ދެ ވަނަ ލެގު މެޗު ބުރުނާއީގައި އެ ޓީމުން 2-1 ން މެޗު ކާމިޔާބު ކުރި ނަމަވެސް ފުރަތަމަ ލެގު މެޗުގައި 2-0 ން މޮންގޯލިއާ މޮޅުވުމުން، އެ ޓީމު ކޮލިފައިންގެ ޖާގަ ހޯދީ، 3-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
އަވަށްޓެރި ލަންކާ އާއި މަކޯއޯ ކުޅެން ހަމަޖެއްސި މެޗު، ލަންކާގެ ސަލާމަތީ ފިޔަވަޅުތަކާ މެދު މަކާއޯ އިން ސުވާލު އުފެއްދުމުން ފީފާއިން ވަނީ މެޗު ކެންސަލް ކޮށްފަ އެވެ.