މަޝްހޫރު ނިއުޕޯޓު ވިއު ރެސްޓޯރެންޓްގެ ކުލި މިއަދާ ހަމައަށް ނުދައްކާ އޮތީ ދައުލަތުން ނިއުޕޯޓަށް ދޭންޖެހޭ ފައިސާ ނުދައްކާ އޮތުމުން ކަމަށް އެ ރެސްޓޯރެންޓް ހިންގަމުން އަންނަ ސްޓްރާޑާ ކުންފުނިން ބުނެފި އެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާނެ ޕްލެޓްފޯމަކާއި ރެސްޓޯރެންޓަކާއެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޓްރާޑާ ކުންފުންޏާ ހަވާލު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓްރީންނެވެ.
އެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހު އޭސީސީ އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ސްޓްރާޑާއިން ނިއުޕޯޓާއި ހަވާލުވި ފަހުން އެ ތަނުގެ ކުލި ދައްކާފައި ވަނީ އޮކްޓޯބަރު 2017 އާ ހަމައަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަަރުގެ ނިޔަލަަށް ކުއްޔާއި ޖޫރަމަނާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ނުދައްކާ އޮތް އިރު، ސީއެސްއާރުގެ ގޮތުގައި ނެގި ދެ މިލިއަން ރުފިޔާ ވެސް ސްޓްރާޑާ އިން ދައްކާފައި ނުވާ ކަމަށެވެ.
ނިއުޕޯޓް ވިއު ހުސް ކުރަން ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މާޗް މަހުގައި ނޯޓިސް ދީފަ އެވެ. އެ މައްސަލަ އަދިވެސް ސިވިލް ކޯޓުގައި އެބައޮތެވެ.
ސްޓްރާޑާ ކުންފުނީގެ އިސްވެރިއަކު "އަވަސް" އަށް ވިދާޅުވީ، ނިއުޕޯޓު ވިއުގެ ކުލި މިއަދާ ހަމައަށް ނުދެއްކި އޮތްނަމަ އެހެން އޮތީ ސަރުކާރުން ނިއުޕޯޓަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުން ކަމަށެވެ.
"ނިއުޕޯޓް ބިން އަތުލުން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން. އަދިވެސް ޕްލޭނިން މިނިސްޓްރީން ދޭން ޖެހޭ ފައިސާ އެއް ނުދައްކާ. ކުލި މިއަދާ ހަމައަށް ނުދެއްކިފައިވަނީ ސަރުކާރުން ނިއުޕޯޓަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުން." އޭނާ ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ނިއުޕޯޓަށް އެ މިނިސްޓްރީ އިން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް މިނިސްޓްރީ އިން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކަށް މީގެ ކުރިން ހުރީ ކުރިން ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ކުރެއްވި ޒާހިދު ރަމީޒެެވެ. އެނގިފައިވާ ގޮތުގައި މިހާރު އެ ކުންފުނި ހިންގަމުން އަންނަނީ އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލްހަކީމެވެ.