މިނިސްޓަރު އަލީ އިހުސާން

ކޮރަޕްޝަންގެ ސަބަބުން އިޖުތިމާއީ ފޭރާން ބަލިކަށިވޭ: އިހްސާން

ކޮރަޕްޝަންގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ބަލިކަށިވެ ތަރައްގީއަށް ހުރަސްއެޅިގެންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް އޭޖެންސީޒް އިން ދަ އޯއައިސީ މެންބާ ސްޓޭޓްސްގެ ދެވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ބަލިކަށިވުމުގެ ސަބަބުން ތަރައްގީއަށް ހުރަސްއެޅިގެންދާ ކަމަށެވެ.

އިހްސާން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ރައްޔިތުންގެ ހައްގުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މި މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަން. ނަމަވެސް އަޅުގަނޑުމެންގެ ގައުމުތަކުގެ މެދުގައި ހަރުދަނާ އެއްބާރުލުމެއް ލިބިގެން ނޫނީ މިމަސައްކަތް ކާމިޔާބެއް ނުކުރެވޭނެ،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޓެކްނޮލޮޖީގެ އާ އީޖާދުތައްވެސް މިއަދު ވަރަށް މުހިއްމު ކަމަށެވެ. އަދި އިސްލާމް ދީނުގައި މިފަދަ ކަންކަމުގައި ގެންގުޅޭ އިންސާފުވެރިކަމާއި އިތުބާރާއި އުސޫލުތައް ދަމަހައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހުރިހާ ފަންތިއެއްގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން މަތީ ދެމިހުންނަންޖެހޭ ކަމަށެވެ. އަދި މަސައްކަތް ކާމިޔާބު ކުރުމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.