ނިއުރޭޑިއަންޓް

މިހާލަތަށް ނިއު ވެއްޓުނީ ޒިޔާދުގެ ސަބަބުން: ވަހީދު

ނިއު ރޭޑިއަންޓް މިއަދު ވެއްޓިފައިވާ ހަލަތަށް ވެއްޓި، ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި ވާދަ ނުކުރެވުނީ، އެ ކުލަބުގެ ޗެއާމަން ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި، މުހައްމަދު ޒިޔާދުގެ ސަބަބުން ކަމަށް، ނިއުގެ އެންމެ އިސް މަސްއޫލުވެރިޔާ ކުއީން އަހްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

މިހާރު ނިއު ރޭޑިއަންޓް އޮތް ހާލަތާ ބެހޭގޮތުން، އަވަސް އަށް ދިން އިންޓަވިއުގައި، ވަހީދު ވިދާޅުވީ ކުލަބު ހާލަތު ގޯހުން ގޯހަށް ދިޔައީ ބޯޑުގެ މެންބަރުންނާ މަޝްވަރާ ކުރުމެއް ނެތި ޒިޔާދު އަމިއްލައަށް ނިންމި ނިންމުންތަކުންނެވެ.

"މިހާރު ވީގޮތަކީ ޗެއާމަން [ޒިޔާދު] ޗެއާމަންއަކީ ވަރަށް ރަނގަޅު ބޭފުޅެއް، އެހެންނަމަހީ ވެސް އޭނާއަށް މިކަން ކުރަންވާ ގޮތް އެނގިވަޑައި ނުގެންނެވީ،" ވަހީދު ވިދާޅުވި އެވެ. "ކުލަބުގެ ބޯޑެއް އޮއްވައި ބޯޑުގެ މެންބަރުންނާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ މީހުންގެ މުސާރަތަކާ އެއްޗިހި އަމިއްލައަށް ބޮޑުކޮށް ނިންމާލީ، ބޮޑެތި މުސާރަތައް ކިޔާފައި ހުރީވެސް ބޯޑުގެ އެއްވެސް މީހަކާ ވާހަކަ ނުދައްކަވާ."

ނިއު ރޭޑިއަންޓަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް، މުސާރައިގެ ގޮތުގައި ދޭން ޖެހޭ 2.7 މިލިއަން ރުފިޔާ ނުދީ އޮތުމުން، އެފްއޭއެމުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ކުލަބު ސަސްޕެންޑް ކޮށްފަ އެވެ.

ވަހީދު ވިދާޅުވީ ނިއު ރޭޑިއަންޓަށް ފިޔަވަޅު އަޅަން އެފްއޭއެމުން އޮތީ ފުރުސަތަތަކަށް ބަލަބަލަ އެވެ. އެހެންވެ އެފަދަ ކަމަކަށް ބަލަބަލައި ތިއްބައި ކުލަބު ހިންގަން ތިބި މީހުން އެ ފުރުސަތު ދިނުމުން އެކަމުގައި އެފްއޭއެމަށް ވަކިއެއްޗެއް ބުނެވެން ނެތް ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެފްއޭއެމުން މި ތިބެނީ ފުރުސަތެއް ނުލިބިފައި، ދެން އެމީހުންނަށް ފުރުސަތު ލިބުނީމަ ދެން އެމީހުން ބޭނުން ގޮތަކަށްނު ހަދާނީ،" ވަހީދު ވާހަކަ ކުރިއަށް ގެންދެވި އެވެ. "އެއީ އެފްއޭއެމްއަކާވެސް ވަކި އެއްޗެއް ކިޔުމުގެ ބޭނުމެއް ނެތް، ފުރުސަތު ބަޔަކު ދީފިއްޔާ އޭގަ ހިފާނެ ކޮންމެ ބަޔަކުވެސް."

އެފްއޭއެމްގެ ސަސްޕެންޝަންގެ އިތުރަށް، ފީފާއިން ނިއު އާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާ ބޭންގެ އަދަބަކީވެސް ނިއު އަށް ސަލާމަތް ނުވެވޭވަރުގެ އަދަބެކެވެ. އަފްގާނީސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީއަށް ދޭން ޖެހޭ މުސާރަ ނުދިނުމުން އޭނާއަށް ލިބުނު ގެއްލުމާއެކު ހަތް ލައްކައެއްހާ ރުފިޔާ ދެއްކުމަށް ފީފާއިން ވަނީ އަންގާފަ އެވެ. އަލުން ނިއު ރޭޑިއަންޓް ކޮޅަށް ޖެހުމުގެ މަސައްކަތް ފެށޭނީވެސް އެ ފައިސާ ދެއްކުމުންނެވެ.

ވަހީދު ވިދާޅުވީ އަލުން ކުލަބު ހިންގަން ފަށަނަމަ މަސައްކަތް ފަށަން ޖެހޭނީ، 10 މިލިއަން ރުފިޔާ އަތުގައި ހުރެގެންނެވެ. ވަހީދު ވިދާޅުވީ ކުލަބު ހިންގުމުގައި މީގެ ކުރިންވެސް ޖޫރިމަނާ އާއި ފައިސާ ދައްކަން ޖެހިފައި އެބަހުރި ކަމަށާއި އެހެންނަމަވެސް މިހާލަތަށް މީގެ ކުރިން ދުވަހަކުވެސް ވެއްޓިފައި ނުވާ ކަމަށެވެ.

"މިއަށް ވުރެ ދަތިކޮށްވެސް ކުލަބު ހިންގިން އެހެންނަމަވެސް މިހާލަތަކަށް މީގެ ކުރިއަކުން ނުދޭ."

ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމުން މިދިޔަ މަހު ޒިޔާދު ވަނީ އިސްތިއުފާ ދީފަ އެވެ. ނިއުގެ ޗެއާމަން ކަމަށް ޒިޔާދު ވަޑައިގެން އޭނާ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން ހުޅުމާލޭގައި ފުޓްސަލް އެކެޑެމީއެއް ގާއިމު ކުރުމަށާއި ކެފިޓީރިއާ އެކު ކުލަބު ހައުސްއެއް ގާއިމު ކުރުމަށް އޭނާ ވައުދުވެ ވަޑައިގެންނެވި އެވެ. އެހެންނަމަވެސް އޭނާ އިސްތިއުފާ ދެއްވީ އެއިން އެއްވެސް ކަމެއް ނުވެ ކުލަބު ދަރަނިވެރި ވެގެންނެވެ.