ދުނިޔެ

އިންޑިއާއަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއްގެ ބިރު

ބާރު ދުވެލީގައި އިންޑިއާއާއި ދިމާލަށް ދަތުރުކުރަމުން ގޮސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އަރާނެކަމަށް ބެލެވޭ ވާޔޫ ތޫފާނުގެ އަސަރު އެ ގައުމުގެ ހަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރާނެކަމަށް މޫސުމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

މިހާރުވެސް ގާތްގަނޑަކަށް 300،000 މީހުން ރައްކާތެރި ހިސާބުތަކުގައި ހުރި 700 އެއްހާ އިމާާރާތަށް ބަދަލުކުރުމުގެ މަސައްކަތް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ދާއިރު ތޫފާނުގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި ހުރި ސްކޫލްތަކާއި ކޮލެޖުތައް ހުކުރުދުވަހާ ހަމައަށް ބަންދު ވާނެކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވި އެވެ.

މިއަދު އިންޑިއާގެ މުމްބާއީގެ 200 ކިލޯމީޓަރު ބޭރުން ދަތުރު ކުރަމުންދާ ވާޔޫ ތޫފާން އަރާނީ އިންޑިއާގެ މާދަމާގެ ވަގުތެއްގައި ގުޖަރާތު ސްޓޭޓަށް ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާ ކުރެއެވެ.

އަރަބި ކަނޑުން އުފެދިގެން އަންނަ ވާޔޫ ތުފާން ފަދަ ބާރުގަދަ ތޫފާންތައް އަރަބި ކަނޑުން ބޭރުވެ އެއްގަމަށް އަރަނީ މަދު ފަހަރެއްގަ އެވެ. އެންމެ ފަހުން ގުޖަރާތުއަށް އެފަދަ ތޫފާނެއް އަރާފައިވަނީ މީގެ ވިއްސަކަށް އަހަރު ކުރިން ނެވެ.

ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ނެޝަނަލް ޑިސާސްޓާ ރެސްޕޮންސް ފޯސްގެ 39 ޓީމު ތައްޔާރީ ހާލަތުގައި ތިބިއިރު އޭގެން ކޮންމެ ޓީމެއްގައި 45 މީހުން ހިމެނެ އެވެ. އަދި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމަށާއި އެހީތެރިކަން ބޭނުންވާ މީހުން ހޯދައި އެފަދަ މީހުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ އަސްކަރިއްޔާގެ 34 ޓީމެއް ވެސް ތިބީ ތައްޔާރަށެވެ.

ތޫފާން އެއްގަމާއި ކައިރިވަމުން ދާވަރަކަށް ކަނޑުތައް ގަދަވަމުން ދާއިރު މަސްވެރިންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ރައްކާތެރިވެ ތިބުމަށް އިންޑިއާގެ އަސްކަރިއްޔާއިން މަސްވެރިންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކޯރުގެ އައްސޭރިފަށުގައި ދިރި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ވެސް އެފަރާތުން ދަނީ އިލްތިމާސްކުރަމުންނެވެ.

ގަޑިއިރައަކު 120 ކިލޯމީޓަރު ބާރުމިނުގެ ވަޔާއެކީ އިންޑިއާގެ އިރުއުތުރު ސަރަހައްދަށް ތޫފާން އިދާއީ އަރާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ.