ހަބަރު

އެޗްޑީސީން ހުޅުމާލޭ އިމާރާތްކުރި ޕްރީ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރި ޕްރީ ސްކޫލްގެ މަސައްކަތް ނިންމައި، އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އަލަށް އިމާރާތްކޮށް ނިންމާފައިވާ އެ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރި ކަމުގެ ލިޔުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސައިލް އަހުމަދެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ސްކޫލާ ހަވާލުވިކަމުގެ ލިޔުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް އަލީ އެވެ.

އެޗްޑީސީގެ ޚަރަދުގައި އިމާރާތްކުރި އެ ޕްރީ ސްކޫލްގައި އަށް ކްލާސް ރޫމާއި އޯޑިއޯ ވިޝުއަލް ރޫމަކާއި ކޮމްޕިއުޓާ ލެބެއްގެ އިތުރުން ހޯލަކާއި މަލްޓިޕާޕަސް ރޫމަކާއި ކުޅޭ ސަރަހައްދެއްގެ އިތުރުން އޮފީސް ބައެއް ވެސް ހިމެނެ އެވެ.

އެ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރުމުން އެތަން ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.