ލައިފްސްޓައިލް

އޮސްޓްރޭލިއަށް ވެސް އޫބާ އުދުހޭ ޓެކްސީ!

އުދުހޭ ޓެކްސީގެ ހިދުމަތް ދިނުމުގެ ލިސްޓަށް އޮސްޓްރޭލިއާގެ މެލްބަން ވެސް ހިމަނައިފި ކަމަށް ޓެކްސީ ކުންފުނި އޫބާ އިން ބުނެފި އެވެ.

އޫބާ އެއާގެ ހިދުމަތް އޮސްޓްރޭލިއާއަށް ތައާރަފު ކުރާނެ ކަމަށް އިއްޔެ އިއުލާން ކޮށްފައިވާއިރު މި ހިދުމަތް ދޭނީ މެލްބަންގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. މެލްބަންގެ އިތުރުން އެމެރިކާގެ ލޮސް އެންޖަލަސް އާއި ޑަލަސްގައި ވެސް މި ހިދުމަތް ދޭން ވަނީ ނިންމާފަ އެވެ.

އޫބާ ކުންފުނިން އުދުހޭ ޓެކްސީގެ ހިދުމަތުގެ ޓެސްޓް ފްލައިޓުތައް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އިރު ޓެކްސީގެ ހިދުމަތްތައް ވިޔަފާރި އުސޫލުން ރަސްމީކޮށް ފަށާނީ 2023 ގަ އެވެ.

އުބާ ކުންފުނިން ބުނާ ގޮތުގައި އުބާ އެއާގެ ހިދުމަތް ތައާރަފު ކުރުމާއެކު މެލްބަންގައި މިހާރު ކުރާ 19 ކިލޯމީޓަރުގެ ދަތުރެއް 10 މިނެޓް ތެރޭގައި ކޮށްލެވޭނެ އެވެ.

ވައިގެ މަގުން ޓެކްސީގެ ހިދުމަތް އެންމެ ފުރިހަމަ ފެންވަރުގައި ދިނުމަށް އޫބާ ކުންފުނިން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން ޖައްވީ އިދާރާ (ނާސާ) އާ އެކުގައިވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކުން ވެސް މިހާރު ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުދުހޭ ޓެކްސީގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ އަދި ޖަރުމަން ހިމެނެ އެވެ.